ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ފެށުމުން ލިބޭ އެންމެ މުހިންމު ކުރިއެރުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހާލަތުގައި، އެ އެއަރކްރާފްޓް ބޭނުންކުރުންކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ސުވާލުކުރައްވާފައި ވަނީ، ވައިޑްބޮޑީ އެއަރ ކްރާފްޓާއެކު ލިބުނު ކުރިއެރުމާއި، ފްލައިޓުގެ މަންޒިލްތަކާއި، ޗައިނާ އާއި އިންޑިއާ ނޫން މަންޒިލްތަކަށް ދަތުރުފަށާނީ ކޮން އިރަކުންކަން ސާފުކުރުމަށެވެ.
ވަޒީރު އަމީން ވިދާޅުވީ، ހަނގުރާމައިގެ ހާލަތު ފަދަ ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއްގެ މުހިންމުކަން ބޮޑުކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކޯވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ އެއަރބަސް އޮޕަރޭޝަން އޮތީމަ ރާއްޖެއަށް ލިބިގެންދިޔަ ޒަރޫރީ ބޭސްގެނައުމަށް ފުރުސަތު." ވަޒީރު އަމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ރާއްޖޭގެ ވައިޑްބޮޑީ އެއަރ ކްރާފްޓް އޮޕަރޭޝަން ފެށުންކަން ފާހަގަކުރައްވައި ވަޒީރު އަމީން ވިދާޅުވީ، ވައިޑްބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ތައާރަފްކުރިފަހުން ހޭދަވީ 16 މަސް ދުވަހުގެ ތެރޭގައި 67000 މީހުން ވައިޑްބޮޑީ އެއަރ ކްރާފްޓް ބޭނުންކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 55،000 މީހުންނަކީ ފަތުރުވެރިން ކަމަށާއި، ހައްޖުދަތުރުތަކާއި، އުމްރާދަތުރުތަކުގެ އިތުރުން މުހިންމު އެހެން ހާލަތުތަކުގައިވެސް ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ޗާޓަރުކޮށްގެން ހޯދާފައިވާ ކަމަށެވެ.
ދަތުރުތަކުގެ ރޫޓްތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ ޗައިނާގެ 3 މަންޒިލާއި، އޮސްޓްރޭލިއާ އަދި ސައުދީގެ އިތުރުން ޑިމާންޑާއި އެއްގޮތަށް ދަތުރުކުރަން ޖެހޭ މަންޒިލްތަކަށް ދަތުރުކުރުމުގައި ވައިޑްބޮޑީ އެއަރ ކްރާފްޓްގެ ބޭނުންކުރަމުންދާކަމަށެވެ.
މޯލްޑިވިއަންގެ 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޝެޑިއުލްޑް އަދި ޗާޓާރޑް ދަތުރުތައް ގިނަ ގައުމުތަކަށް މިހާރު ކުރަމުން އަންނަ އިރު، މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، މޯލްޑިވިއަންގެ ވައިޑްބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމާއި ގުޅޭ އެއްބަސްވުންތައް ހަދާފައިވާކަމަށާއި، ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ އެއަރލައިނުން ހާމަކުރައްވާފައިވެއެވެ.