ޚަބަރު

ޕޭމަންޓް ސިސްޓަމްގެ ބިލާއެކު މާލީ މުޢަމަލާތްތައް ފަސޭހަވެ، ރައްކާތެރިކަން ކަށަވަރުކުރެވޭނެ: މެންބަރުން


  • މާލީ މުޢާމަލާތް ކުރެވެން އޮންނަ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ

  • ޕޭމަންޓް ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއަށް މަގުފަހިވާނެ

ޕޭމަންޓް ސިސްޓަމްގެ ބިލާއެކު މާލީ މުޢަމަލާތްތައް ފަސޭހަވެ، ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤެވެ. މި ބިލުގައި ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ވަނީ ލިބިދީފައެވެ.

ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ މި ބިލު ހުށައެޅުމުގެ އެއް ބޭނުމަކީ މަރުކަޒީ ބޭންކުގެ ފަވަރަ ޕޭމަންޓް ނިޒާމު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުންކަމުގައި އެމްއެމްއޭގެ ގަވަރުނަރު މަޢުލޫމާތު ދެއްވިކަމަށެވެ.

ނާޒިމް ވިދާޅުވީ ދިވެހިރާއްޖެ ކުރިއަރަމުން ތަރައްޤީވަމުން އަންނައިރު، މާލީ މުޢާމަލާތް ކުރެވެން އޮންނަ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެ ގޮތުން މި ބިލުގެ ސަބަބުން ފަވަރަ ނިޒާމު ހަރުދަނާކުރެވި، ޔޫޓިލިޓި ބިލުތަކާއި އެކި ޚަރަދުތައް ފަސޭހައިން އޮޓޮމޭޓެޑްކޮށް ދެއްކޭނެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

"ޕޭމަންޓް ނިޒާމެއްގެ ތެރެއިން ތަރައްޤީކުރެވިއްޖެއްޔާ އެޕާޓްމެންޓް ކުލިވެސް ބޭންކު އެކައުންޓުން ކެނޑޭގޮތަށް ހެދިދާނެ. މުސާރަލިބި އެ މީހަކު ބުނާ ދުވަހަކަށް ކެނޑޭގޮތަށް ހަމަޖެއްސިއްޖެއްޔާ ވަރަށް ބޮޑަށް އިދާރީ ޚަރަދުތައްވެސް ސަލާމަތްވެގެންދާނެ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެމްއޭއަށް ވިޔަފާރި ކުންފުންޏެއް ހަދަންދެވޭ ހުއްދައަކީ ޕޭމަންޓް ނިޒާމު ޤާއިމުކޮށް، ތަރައްޤީކޮށް ކުރިއެރުވުމަށް ދެވޭ ހުއްދައެއް ކަމަށެވެ. އަދި އެކަން ނިމި، ކުރިއަރާ ދިއުމަށް އެކި ހިއްސާދާރުންނަށް ވިއްކާލުމުގެ މަގު މަރުކަޒީ ބޭންކަށް ފަހިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ވިދާޅުވީ މަރުކަޒީ ބޭންކުން މާލީ މުޢާމަލާތްތައް ކުރުމަށް ވަކި ނިޒާމެއް ކުރިއެރުވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ކުލި ދެއްކުމާއި ކަރަންޓު ބިލު ދެއްކުމާއި ފައިސާގެ މުޢާމަލާތްކުރުމުގައި ދިމާވާ ތަކުލީފުތަކަށް މި އިސްލާހާއެކު ނިމުން އަންނާނެކަމަށް މެންބަރު ވިދާޅުވިއެވެ.

"ޑިޖިޓަލް މާކެޓުގައި އިންވެސްޓްކުރުމުގެ ސަބަބުން އެކި ލަނޑުތައް ލިބެނީ ހަރުދަނާ ޕޭމަންޓް ސިސްޓަމެއް ނެތުމުން. ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ނެތުމުން. މި ނިޒާމު ޤާއިމުކުރެވުމާއެކު ފައިސާގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ." އަޙްމަދު ނަޞީރު ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހީމް މުޙައްމަދު ވިދާޅުވީ ރާއްޖޭގެ އާބާދީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބެހިފައި އޮތްއިރު، މާލީ މުޢާމަލާތްތައް ކުރުމަށްޓަކައި އޮތް ނިޒާމު ޑިޖިޓަލައިޒްކުރުމުން މާލީ މުޢާމަލާތްތައް ރައްކާތެރިވެ ފަސޭހަވާންޖެހޭ ކަމަށެވެ. އެކަންވާން އޮތީ މި ބިލު ފާސްވެގެންކަމަށް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ މިހާރު ވިޔަފާރިތަކަށާއި މާލީ މުޢާމަލާތްތައް ކުރާ ފަރާތްތަކަށް ފަސޭހަކާމާއެކު ސަލާމަތްތެރި ރައްކާތެރި ނިޒާމެއްގެ ތެރެއިން މާލީ މުޢާމުލާތްތައް ކުރެވޭނެ މަގެއް ފަހިވެގެންދިއުން." މެންބަރު ވިދާޅުވިއެވެ.

ގިނަ މެންބަރުން ބިލަށް ތާޢީދުކުރެއްވި ނަމަވެސް، އިދިކޮޅު ބައެއް މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.