ޚަބަރު

މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ އެމްއޭސީއެލްއިން ދޮގުކޮށްފި


  • އެމްއޭސީއެލްއިން ވަނީ މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް

  • އެއްވެސް ބަދަލެއް ނެތި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްއޭސީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއްކަމަށެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި އެ ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި އެ ކުންފުނިން ކޮށްފައި ނުވާ ކަމަށާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އެމްއޭސީއެލްގެ ނޫސްބަޔާނުގައި ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވަނީ ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމްއޭސީއެލްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އެ ކުންފުނިން ވަނީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާއެކުގައިކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.

އެމްއޭސީއެލްއިން ވަނީ މުއައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އިޚްލާސްތެރިކަމާއެކު ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.