ޚަބަރު

މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕްތަކަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • މިސްކީމްގެ ދަށުން މިހާރުން 735 ދަރިވަރުން އަންނަނީ މަތީ ތަޢުލީމު ހާސިލުކުރަމުން

ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މިއަހަރުގެ މިހާތަނަށް 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ސްކޮލަރޝިޕްތަކާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެ ވުޒާރާއިން ވަނީ 83.3 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައެވެ. މިއީ ޖުމްލަ 107 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. އޭގެތެރޭގައި ހިމެނެނީ 72 އަންހެން ކުދިންނާއި، 35 ފިރިހެން ކުދިންނެވެ.
މީގެތެރެއިން މިއަހަރު ޖުމްލަ 27 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެއީ 21 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނެވެ.

ސްކޮލަރޝިޕްތަކާބެހޭ ތަފާސްހިސާބު

  • 107 ދަރިވަރުންނަށް
  • 72 އަންހެން ކުދިން
  • 35 ފިރިހެން ކުދިން
  • މިއަހަރުގެ މިހާތަނަށް 83،389،345.01 ރުފިޔާ

ތަފާސްހިސާބުތައް ދައްކާގޮތުން މި ސްކީމުގެ ދަށުން މިހާތަނަށް ޖުމްލަ 332 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މި ސްކީމްގެ ދަށުން ޖުމްލަ 305 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާކަމަށް އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ 207 އަންހެން ކުދިންނާއި 98 ފިރިހެން ކުދިންނެވެ.

ސްކޮލަރޝިޕް ސްކީމުގެ ދަށުން 131 ދަރިވަރުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެއީ 75 އަންހެން ކުދިންނާއި، 56 ފިރިހެން ކުދިންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު މި ލޯނަށް އިންޓްރަސްޓެއް ނާރާނެކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެކަމަށް މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު މީގެ ކުރިން ވިދާޅުވިއެވެ.