ޓެކްނޮލޮޖީ

ގޫގުލް ކުރުމަށްވުރެ ފަސޭހަ ގޮތެއް ބޭނުންތަ؟


އިންޓަރނެޓް ބޭނުންކުރާ ގިނަ ބަޔަކަށް ގޫގުލްއާނުލާ ނޫޅެވޭކަން މިއީ ދެބަސްނުވެވޭނެ ހަޤީޤަތެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ގޫގުލް ކޮށްގެންވެސް ޝައްކެއްގެ މަތީގައި ހުންނަން ޖެހުމަކީ ވާ ކަމެކެވެ.

ތަޢުލީމީ ޙަޔާތުގައިވެސް އަދި މަސައްކަތުގެ މައިދާނުގައިވެސް ކަން އޮތީ މިހެންނެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ބަވަނަވަމުންދާ މި ދުނިޔޭގައި ވަގުތަކީވެސް އެހާމެ މުހިއްމު އެއްޗެކެވެ. ކޮންމެ ދުވަހަކީވެސް އިންޓަރނެޓް މެދުވެރިކޮށް އެކި ސަރޗް އެންޖިންތައް މެދުވެރިވެގެން އެތައް މިލިއަން ބަޔަކު އެކި މަޢުލޫމާތު ހޯދައި، އެކި މުޢާމަލާތްތައް ކުރާ ދުވަހެކެވެ. img:http://s1.psmnews.mv/images/660x400/14711860330587.JPG|އާސްކް ޖެލީ ސަރޗް އެންޖިން

ގޫގުލް ފަދަ ސަރޗް އެންޖިންތައް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަކީވެސް ބައެއް ފަހަރު ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެކެވެ. މިކަމަށް މިހާރު ވަނީ ކުޑަ ނަމަވެސް ޙައްލެއް ލިބޭގޮތް ވެފައެވެ. ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ އެއް ވެބްސައިޓް ކަމަށްވާ ޓްވިޓަރގެ އެއް ފައުންޑަރ މެމްބަރ ބިޒް ސްޓޯން އަދި ބެން ފިންކްލް ގުޅިގެން މިހާރު ވަނީ އާސްކް ޖެލީގެ ނަމުގައި މަސައްކަތުގައި ބިޒީ މީހުންނަށް އަމާޒުކޮށް ސަރޗް އެންޖިނެއް އުފައްދާފައެވެ. މި ސަރޗް އެންޖިނަކީ އެހެން ސަރޗް އެންޖިންތަކާއި ޚިލާފަށް ކުރާ ސުވާލަކަށް ވަގުތުން އޮޓޯ-ޖެނެރޭޓެޑް ޖަވާބުތަކެއް ލިބުމުގެ ބަދަލުގައި، ކުރާ ސުވާލަކަށް އެކި މީހުންގެ ފަރާތުން ޖަވާބު ހޯދުމަށް ފުރުޞަތު ފަހިކޮށްދޭ އޮންލައިން ޕްލެޓްފޯމެކެވެ. އެހެންކަމުން މި ސަރޗް އެންޖިން މެދުވެރިކޮށް ހުށައަޅާ ސުވާލެއްގެ ޖަވާބުގައި ބޭކާރު ގިނަ ޖަވާބުތަކެއް ނުފެނި، ބޭނުންވާ ޖަވާބު ލިބުމުގެ މަގު ތަނަވަސްވެއެވެ. img:http://s3.psmnews.mv/images/660x400/14711860164133.JPG|އާސްކް ޖެލީ ސަރޗް އެންޖިން

ބްރައުޒަރ މެދުވެރިކޮށް އާސްކް ޖެލީގެ ބޭނުންހިފި، މިހާރު އެޕެއްގެ ސިފައިގައި އައިއޯއެސް ޑިވައިސްތަކަށް އާސްކް ޖެލީ ތަޢާރަފްވެފައިވާއިރު އެންޑްރޮއިޑް ޑިވައިސްތަކަށްވެސް މި ސަރޗް އެންޖިން އަވަސް ފުރުޞަތެއްގައި އަންނާނެ ކަމަށް އުއްމީދު ކުރެވެއެވެ. img:http://s4.psmnews.mv/images/660x400/14711860473854.jpg|އާސްކް ޖެލީ ސަރޗް އެންޖިން

އާސްކް ޖެލީއަށް ސައިންއަޕް ކުރުމަށްފަހު، ސުވާލެއް ކުރުމުން، އެކުރާ ސުވާލެއްގެ ޖަވާބު އެހެން މީހަކު ފޮނުވުމާއެކު އީމެއިލްގެ ޒަރީޢާއިން އެސުވާލެއް ކުރާ މީހަކަށް ޖަވާބު އައިކަން އެންގުމުގެ ގޮތުން ނޮޓިފިކޭޝަން ފޮނުވައެވެ. މީގެ އިތުރުން މިހާރު ބްރައުޒަރ މެދުވެރިކޮށްވެސް ނޮޓިފިކޭޝަން ލިބޭގޮތަށް ބައެއް ބްރައުޒަރ ތަކުގައި އިންޓެގްރޭޝަން ހަދާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.