އިންވެސްޓްމެންޓުތަކަށް ރާއްޖެ ފަހިވަނީ ސަރުކާރުގެ އެއްބާރުލުން ލިބި، ކަމާ ގުޅުންހުރި އެކިއެކި މަރުޙަލާތައް ފަސޭހަވުމުންކަމަށް ރާއްޖެއަށް އިންވެސްޓްކޮށްފައިވާ ބޭރުގެ ބައެއް އިންވެސްޓަރުން ވިދާޅުވެއްޖެއެވެ.
އިންވެސްޓަރުން މިހެން ވިދާޅުވީ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޭންކެއްކަމަށްވާ އޭރިއަލް ބޭންކު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ ތޯމަސް އެޑެމިއަރ ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ފޯރުކޮށްދޭން ފެށީ 2006 ވަނަ އަހަރު ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖެ ފާހަގަކުރެވެނީ ވަރަށް ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރާއްގެ ގޮތުގައިކަމަށް އެޑެމިއަރ ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ އަދަދެއްގެ ބީލަންތައް ލިބޭ ކަމަށާއި ބީލަންތަކުގައި ބައިވެރިވުމަށްވެސް ފަސޭހަ މަރުހަލާތަކެއް ރާއްޖޭގައި އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެއްބާރުލުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރީ ފަހި އަދި ފަސޭހަ މަރުހަލާތަކެއް، ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، މިއީ އެންމެ ހަރަކާތްތެރި ފަތުރުވެރިކަމުގެ ބާޒާރެއް އޮންނަ އެއް ޤައުމު އިންޑިއަން އޯޝަންގައި." އެޑެމިއަރ ވިދާޅުވިއެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޕޮންޓިއޭކް ލޭންޑް ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑޭވިޑް ޒޭންގް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ފުރަތަމަ އިންވެސްޓްކުރީ 2015 ވަނަ އަހަރު ކަމަށެވެ. އެހާހިސާބުން ފެށިގެން އޭރު ރާއްޖޭގައި އޮތް ފަތުރުވެރިކަމުގެ ބާޒާރު އިތުރަށް ފުޅާކުރެވޭނެކަމަށް ޤަބޫލުކުރިކަމަށް އޭނާ ވިދާޅުވިއެވެ.
ޑޭވިޑް ވިދާޅުވީ އޭރު ރާއްޖޭގައި އޮތީ ލޯބިވެރިންނާއި ދެމަފިރިންނަށް ޚާއްސަ ފަތުރުވެރިކަމެއް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެ، ޢާއިލާތަކަށްވެސް ފަހި، އެތައް ފަހަރަކު މީހުން ޒިޔާރަތްކުރާ މަޤުބޫލު މަންޒިލަކަށް މިހާރު ރާއްޖެވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން އައިސްފައިވަނީ ސަރުކާރުން އިންވެސްޓަރުންނަށް އެއްބާރުލުންދީ، ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ސަބަބުންކަން ޑޭވިޑް ފާހަގަކުރެއްވިއެވެ.
"މީގެ ކުރިން 1 އައިލެންޑް 1 ރިސޯޓުގެ ގޮތުގައި އިންވެސްޓްކުރި ނަމަވެސް، މިހާރު އަޅުގަނޑުމެންގެ 4 ރިސޯޓު އޮވޭ." ޑޭވިޑް ވިދާޅުވިއެވެ.
ރާއްޖެ-ސިންގަޕޫރު ފޯރަމްގައި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުން ބައިވެރިވިއެވެ. މިއީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ބޭއްވި ފޯރަމެކެވެ. ސަރުކާރުން ދަނީ އެކި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ.