ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު މިހާރު ހުށައަޅާފައިވާ އިޞްލާހުތަކާއެކު، މިހާރަށްވުރެ ބޮޑަށް ފަނޑިޔާރުން ޒިންމާދާރުކޮށް، ޖަވާބުދާރީކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ މަޖިލީހަށް ހުށައަޅާފައިވާ ފަނޑިޔާރުންގެ ޤާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަށް ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ މާޒީގައި ސިޔާސީ ވެރިންގެ ނުފޫޒު ފަނޑިޔާރު ގެތަކަށް ފޯރުވާފައި ހުރިކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ނުބެލިވާ އެތައް މައްސަލައެއް އޮތްކަން ފާހަގަކުރައްވަމުން މެންބަރުން ވަނީ އެ ހުރިހާ ކަމަކަށް އައު އިސްލާހާއެކު ފަނޑިޔާރުން ޖަވާބުދާރީކުރެވޭނެކަމަށް ވިދާޅުވެފައެވެ.
"އެތައް އަހަރެއްވާ ފަހުން މައްސަލައެއް މި ބެލެނީ. ބަލާއިރުގައި ބައެއް މީހުންގެ ކުށެއް ނެތްކަމަށްވެސް އެބަ ނިންމާ. މިކަމުގެ ސަބަބުން އޭނާ ބަންދުގައި ހުންނަން ޖެހުމުން ވަރަށް ގިނަ ބައެއްގެ ޙައްޤުތަކެއް އެ ނިގުޅައިގަނެވެނީ. އެހެންވީމަ ފަނޑިޔާރު ގެތައް ހަރުދަނާ ގޮތެއްގައި ހިނގާކަން އަޅުގަނޑުމެން އެބަޖެހޭ ކަށަވަރުކުރަން." މެންބަރު ވިދާޅުވިއެވެ.
ބިލަށް ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށައަޅާފައިވަނީ އެއްގޮތަކަށްވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ނޫން ކަމަށެވެ. އެހެންނަމަވެސް، ފަނޑިޔާރަކު ނުރަނގަޅު ކަމެއްކޮށްފިނަމަ، ނުވަތަ ފަނޑިޔާރަކަށް ތުހުމަތެއްކުރެވޭނަމަ އެކަން ބެލޭނެ ހަރުދަނާ ގޮތްތަކެއް އޮންނަންޖެހޭނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ އެއީ އެ މީހުންގެ ޢިއްޒަތަށް އަރައިގަތުމެއް ނޫން. މި ޤައުމުގައި އަބަދުވެސް އޮންނަންޖެހޭނީ އިންސާފައި ހަމަޖެހުން." ޝުޖާޢު ވިދާޅުވިއެވެ.
ބަހުސްގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނދު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ ބައެއް ފަނޑިޔާރު ގެތަކުން ނިންމަންޖެހޭ މައްސަލަތަކުގެ އަދަދު 500 އަށްވުރެ ގިނަ ކަމަށެވެ. އަދި މިހާ ގިނަ މައްސަލަތައް ނުބެލިވާއިރު، އެއީ ޤަބޫލުކުރެވޭނެ އުޞޫލެއް ނޫން ކަމަށާއި އެކަން އެގޮތަށް ހިނގާ ސަބަބާމެދު ޖަވާބުދާރީކުރުވަންޖެހޭނެކަމަށް މެންބަރު ވިދާޅުވިއެވެ.
"މި އިސްލާހާއެކީގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅިގެން މިދަނީ. އޭރުގެ ސަރުކާރަކުން ބޭނުންވީމަ ދަށު ކޯޓުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން ބަދަލުނުކުރެވޭކަން. ފަނޑިޔާރުންގެ މާލީ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ގޮތްތަކެއް މި ކަނޑައެޅެނީ." މެންބަރު ވިދާޅުވިއެވެ.
ގިނަ މެންބަރުން މި އިސްލާހަށް ތަޢީދުކުރައްވާ ވާހަކަދެއްކެވި ނަމަވެސް، އިދިކޮޅު ބައެއް މެންބަރުން ވަނީ މި އިސްލާހަށް ފާޑު ވިދާޅުވެފައެވެ.