ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ ސްކޫލް ކުރިކެޓް މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ރެހެންދި ސުކޫލުން ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދީ ފައިނަލުގައި މުހްޔިއްދީން ސުކޫލު 10 ވިކެޓުން ބަލިކުރުމަށްފަހު އެވެ.
ގުރުދިމާވުމުން ތާޖުއްދީން ސްކޫލް ގަސްތުކުރީ އުކުމަށެވެ. މުހްޔިއްދީން ސްކޫލް ކުޅެންއަރާ 5 އޯވަރު ހަމަވިއިރު ހެދިފައިވަނީ 48 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރާ 5 އޯވަރު ހަމަވިއިރު 51 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލުގެ ޔޫސުފް އިޒާން ޖިނާހުއެވެ.
އިއްޔެ ކުޅުނު ދެވަނަ ފައިނަލްގައި 16 އަރުންދަށުގެ ރެހެންދި ސްކޫލާއި ތާޖުއްދީން ވާދަކުރި މެޗު ރެހެންދި ކާމިޔާބު ކުރީ 38 ލަނޑުންނެވެ. ގުރުދިމާވުމުން ރެހެންދި ސްކޫލުން ކުޅެން އަރާ 10 އޯވަރު ތެރޭގައި ހެދިފައިވަނީ 122 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު ހެދިފައިވަނީ 84 ލަނޑެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެހެންދި ސުކޫލުގެ އިބްރާހިމް އަބާން އަޒްލިފެއެވެ. އޭނާ ވަނީ މެޗުގައި ދެ ވިކެޓު ނަގާފައެވެ.