ޚަބަރު

މަޤުބޫލު، ޝައުޤުވެރި އެތައް މަންޒަރެއް ފެނުނު އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި


  • މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން

  • މައުރަޒު ކުރިއަށްދިޔައީ މިމަހުގެ 24 އިން 31 ވަނަ ދުވަހާ ހަމައަށް

  • މައުރަޒުން ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނުނު

ހިތްފަސޭހަ، މަޤުބޫލު، ޝައުޤުވެރި އެތައް މަންޒަރެއް ފެނުނު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު ފެށީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މައުރަޒު ކުރިއަށްދިޔައީ މިމަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. މައުރަޒު ހުޅުވާފައި ހުރީ ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިމަޢުރަޒަށް 2 ރޭ ވަޑައިގެން މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލެއްވިއެވެ.

މިމައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މައުރަޒުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވި، އަދި ފަހުގެ ތާރީޚެއްގައި ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބުނު މައުރަޒެވެ. މި މައުރަޒުގެ ތެރެއިން ހުނަރުވެރި އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކާއި މިޔުޒިކީ އަދި ސަގާފީ ހުށައެޅުންތަކުގެ އިތުރުން ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ސްޓޯލްތައް ފެނުނެވެ.

މިމައުރަޒު އެންމެ ބޮޑަށް ފާހަގަވެފައިވަނީ ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް ދައްކާލުމުގެ ފަހި މާޙައުލެއްގެ ގޮތުގައެވެ. ކަސަބު ބޯވަޅު އެޅި ލިބާހާއި ކުރަހަނިކަމާއި ތިލޭރުކަމާއި ލިޔެލާ ޖެހުންފަދަ ދިވެހިވަންތަ މަސައްކަތްތަކުގެ އުފެއްދުންތައް މައުރަޒުގައި ހުއްޓެވެ. އަދި ކުރެހުންތެރިންގެ ރީތި މަންޒަރުތައްވެސް މައުރަޒުން ފެނުނެވެ.

ރީތި އުފެއްދުންތަކުގެ އިތުރުން މައުރަޒު އެންމެ ބޮޑަށް ފަޅުފިލުވައިދިން އެއް ކަމަކީ އެ ތަނުގައި ކުރިއަށްދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެވެ. އެ ގޮތުން ކުޑަކުދިންނާއި ޒުވާނުން ގަޔާވާ "ތީމް ޕާކު"އެއްގައި ހުންނަ ފަދަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. ހަމައެއާއެކު މިފަހަރު އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު އެއް ހަރަކާތަކީ މައުރަޒުގެ ތެރެއިން ކުރިއަށްދިޔަ ބޮޑުބެރު ޗެލެންޖެވެ. ޕީއެސްއެމްއިން ބޮޑުބެރު މުބާރާތެއް ބޭއްވުނު ފަހުން އެ ފަދަ ދެވަނަ މުބާރާތެއް ބާއްވާފައި މިވަނީ ގިނަ އަހަރުތަކަކަށްފަހުއެވެ.

ބޮޑުބެރު މުބާރާތުން ދިވެހި ސަގާފީ އެތައް ހުށައެޅުމެއް ފެނުނެވެ. އަދިވެސް ދިވެހިންގެ މެދުގައި ސަގާފީ މި މުހިންމު ހުނަރުވެރިކަން އޮތްކަން ދޭހަކޮށްދިނެވެ.

އަހަރުތަކަކަށްފަހު މިހާ ބޮޑުކޮށް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވުމުން އެކަމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން މައުރަޒަށް ޒިޔާރަތްކުރި ކުދި ބޮޑު އެންމެންވެސް ފާހަގަކުރިއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް މީހުން ބުނީ މިފަދަ މައުރަޒެއް ބޭއްވުމުން ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ވަރަށް ކައިރިން ބަލައިލުމުގެ ފުރުޞަތު ފަހިވި ކަމަށެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރިތައް ފުޅާކުރުމުގެ މަޤުސަދުގައި ސަރުކާރުން ބޭއްވި މި މައުރަޒު އިންތިޒާމުކުރީ އިޤުތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީންނެވެ.