ދުންފަތުގެ އިސްތިޢުމާލު ނުކޮށް ހުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ހޯދައިދޭންޖެހޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް އދ.ގެ އެކި އެޖެންސީތަކާއި ދިވެހި ބައެއް ޖަމްޢިއްޔާތައް އިސްނަގައިގެން ބޭއްވި އަރޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން އެހެން މީހުންގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކާ މެދުގައި ކަމަށެވެ. އެގޮތުން މިފަދަ މީހުންގެ ސަބަބުން ގިނަ ބަޔަކު އެ ނުބައި ޢަމަލަށް ހުށައެޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު ނިގުޅައިގަނެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެވެސް ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން މިހާރު ވަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. އަދި ދުންފަތުން ދުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއްވަނީ ފަށްޓަވާފައެވެ. މީގެތެރެއިން ބައެއް ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދުންފަތުން މީހުން ދުރުކުރުމަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި މީހުން ތަމްރީންކުރުމާއި އިތުރު މީހުން ދާއިރާއަށް ނެރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. އަދި ދިވެހި ތާރީޚުގައި ވެސް އަލަށް އާސަންދަ ސްކީމްގެ ތެރެއިން ދުންފަތުން ދުރުވުމަށް ބޭނުންވާ ބޭސްފަރުވާ ވަނީ ހަމަޖައްސައިދީފައި." ވަޒީރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޞިއްހީ ވަޒީރު ދެއްވާ ޚާއްސަ އެވޯޑެއްވަނީ ދީފައެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1988 ވަނަ އަހަރުއެވެ. މިފަހަރުގެ ޝިޢާރަކީ ނިކޮޓިންއާއި ދުންފަތަށް ހިތްޖެއްސުމަށް ވިޔަފާރިތަކުން ބޭނުންކުރާ އުކުޅުތައް ބޭޒާރުކުރުމެވެ.
ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން އިސްނަގައިގެން މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދިމާވާ ޞިއްހީ، އިޖުތިމާޢީ އަދި މާލީ ގެއްލުންތަކާ މެދު ހޭލުންތެރިކޮށް ދުންފަތް ކޮންޓްރޯލްކުރުމަށް ބާރުއަޅައި ވަކާލާތުކުރުމެވެ.