ތަރައްްޤީ

87 އިންސައްތަ މީހުން ކުނި އުކާލަނީ ކަނޑައަޅާފައިވާ ސަރަޙައްދަށް


ރާއްޖޭގެ އާބާދީގެ 87 އިންސައްތަ ގޭބިސީތަކުން ކުނި އުކާލަނީ ކުނި އުކާލުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކަމަށް ދެހާސް ސާދަވަނަ އަހަރުގެ ބޯހިމެނުމުގެ ސާވޭ ރިޕޯޓުން ދައްކައިފިއެވެ. ބޯހިމެނުމުގެ ސާވޭ ރިޕޯޓްގެ ދިރިއުޅޭ ތަންތަނާއި ގޭބިސީތަކުގެ މައުލޫމާތު ހިމެނޭ މިރިޕޯޓް ނެރެދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ.

ދިރިއުޅޭ ތަންތަނާއި ގޭބިސީތަކުގެ މަޢުލޫމާތު ހިމެނޭ މިރިޕޯޓުން ދައްކާގޮތުން 87 އިންސައްތަ ގޭބިސީތަކުން ކުނިއުކާލަން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނިއުކާލާއިރު 4 އިންސައްތަ ގޭބިސީތަކުން އަދިވެސް ކުނިއުކާލަނީ އަތިރިމައްޗަށެވެ. އަތޮޅުތަކުގެ އިދާރީ ރަށްތަކަށް ބަލާއިރު، 79 އިންސައްތަ ގޭބިސީތަކުން ކުނި އުކާލަނީ ކުނި އަޅާ ސަރަހައްދަށެވެ. 

img:http://s1.psmnews.mv/images/660x400/14659805463614.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

ނަމަވެސް 7 އިންސައްތަ އަތިރި މައްޗަށް، އަދި 7 އިންސައްތަ ވަލުތެރެއަށްވެސް ކުނިއުކާލާކަން މި ރިޕޯޓުން ހާމަވެއެވެ.  

މިރިޕޯޓްގައި ގޭބިސީތަކުގެ ފާޚާނާ ނިޒާމް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތުވެސް ހިމަނުއްވާފައިވެއެވެ. މިގޮތުން މުޅި ރާއްޖެއަށް ބަލާއިރު ފަންސާސް ހަތަރެއް އިންސައްތަ ގޭބިސީތަކުގެ ފާޚާނާ ތަކަކީ ނަރުދަމާ ނިޒާމަކާ ގުޅިފައިވާ ފާޚާނާތަކެވެ. އަތޮޅުތަކުގެ އިދާރީރަށްތަކުގައި މި ނިސްބަތްހުރީ ފަންސަވީސް އިންސައްތައިގައެވެ. މިރަށްތަކުގައި ފަސްދޮޅަސް އިންސައްތަ ގޭބިސީތަކުގައި ވަޅުގަނޑާ ގުޅާފައިވާ ފާޚާނާ ބޭނުންކުރަމުންދާކަން މި ރިޕޯޓުން ދައްކައެވެ. މީގެ އިތުރުންވެސް މިރިޕޯޓްގައި ރާއްޖޭގެ ގެދޮރު ހަދާފައިވާ ގޮތާއި، ބުއިމަށް ބޭނުންކުރާ ފެނުގެ މަޢުލޫމާތުފަދަ މަޢުލޫމާތުތައްވެސް ހިމެނެއެވެ.