ޚަބަރު

އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • އެވޯޑު 10 ގިންތިއަކުން ދިނުމަށް ވަނީ ނިންމާފައި

  • ނަން ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 20ވަނަ ދުވަސް

ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާއިފިއެވެ.

އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމައި، މިކަމުގެ އުސޫލުވަނީ އާންމުކޮށްފައެވެ.

އެވޯޑު ދޭ ގިންތިތައް:

* އިންޖިނިއަރ އޮފް ދަ އިޔަރ
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
* ޔަންގް އިންޖިނިއަރ އެވޯޑު
* ވިމެން އިން އިންޖިނިއަރިންގ އެވޯޑު
* އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
* ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
* އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
* ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
* ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
* ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު

ޓީމުތަކާއި މަޝްރޫޢުތަކަށް ދޭ އެވޯޑުތަކަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް:

* ސަރުކާރު އިދާރާތައް / މުއައްސަސާތައް
* ސަރުކާރު ހިއްސާވާ ކުންފުނިތައް
* އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް
* ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން
* މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް
* ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް

މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކަށްވެސް ހުށައެޅޭނެއެވެ. އަދި ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.

މި އެވޯޑަށް ކުރިމަތިލާ އިންޖިނިއަރުންގެ ހުށައެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.

ބިނާރާ އުމްރާނީ ތަަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައެވެ. އަދި އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޤުރާރު ލިންކް https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު 30 ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ. ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައެވެ.