މެރިން ބައޮލޮޖީ ދާއިރާއިން ދަރިވަރުން ތަމްރީނުކުރުމަށް ފޯރ ސީޒަންސް ލަންޑާ ގިރާވަރުން ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ބ. އަތޮޅު ކައުންސިލާއި ބަޔޮސްފިއާ ރިޒާވްއާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކެކެވެ. މި ޕްރޮފްރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަަތަށެވެ.
މި ޕްރޮގްރާމުގެ ދަށުން މުރަކަ ފްރޭމްތަކުގައި ހަރު ކުރާނެގޮތާއި އެ މުރަކަ ފްރޭމްތައް މޫދުގައި ބަހައްޓާނެ ގޮތުގެ އިތުރުން މުރަކައިގެ ދިރުން އާލާވާގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ޕްރޮގްރާމުގައި ވެލާ އާއި މަޑި ފަދަ ކަނޑުއަޑީގެ ދިރުންތަކާއި ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް، މެރިން ބަޔޮލޮޖިސްޓުންނާއި ކަނޑުގެ ދިރުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ދަރިވަރުންނަށް ކިޔާދޭނެއެވެ.
މި ޕްރޮގްރާމުގައި 10 ސްކޫލަކުން 24 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ބ. އަތޮޅުގެ ސްކޫލްތަަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި އިންޓަރންޝިޕް ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މުރަކައިގެ ދިރުމުގެ މުހިންމުކަން އެނގެން ޖެހޭ އެންމެ މުހިންމު އެއްބަޔަކީ ދަރިވަރުންކަމަށެވެ.
މުރަކައަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރެމެންގެ ވެއްޓަށާއި ފަތުރުވެރިކަމަށް ލިބޭ ގެއްލުމެއްކަމަށާއި ފަރުތައް ހިމާޔަތް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރަން ތިބި ބަޔަކީ މިއަދުގެ ކިޔަވާ ކުދިން ކަމަށް ޑީން ވިދާޅުވިއެވެ. އަދި ބ. އަތޮޅަކީ ތިމާވެއްޓާއި ރައްޓެހި މުއްސަނދި ފަރުގެ ދިރުންތަކެއް އޮތް އަތޮޅެއް ކަމަށާއި މިއަތޮޅުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ޑީން ވިދާޅުވިއެވެ.
"ދިވެހިރާއްޖެ މި ވުޖޫދުވެފަ މިއޮތީ ފަރުތަކުގެ ސަބަބުން. މި ފަރުތަކުގެ ސަބަބުން ރަށްތައް މި އޮންނަނީ. އަހަރެމެންގެ އިޤްތިޞާދު ބިނިވާވަނީ މިކަމަށް. ވުމާއެކު އަޅުގަނޑުވަަރަށް ބޮޑަށް އުފާކުރާ ކަމެއް މިއީ މިކަންތައް ދަސްކުރުމަށް އެކި ސްކޫލްތަކުން ކުދިން އައިކަން" ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވިއެވެ.
ބ. އަތޮޅު ކައުންސިލްގެ ނައިބު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ، ބ.އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައި އޮތް އަތޮޅެއްކަމުން އެ ކަން ދެމެހެއްޓުމަށް ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ އަތޮޅުގެ ފަރުތަކުގެ މުއްސަނދިކަމާއި ދިރުން ހިމާޔަތް ކުރުންކަމަށެވެ.
"އަޅުގަނޑު މި އުންމީދުކުރަނީ އަޅިގަނޑުމެންނަށް މި ކުރިއަށްގެންދެވޭ ޕްރޮގްރާމުގެ ސަބަބުން ތިކުދިންގެ ދިރިއުޅުމުގަ ކުރިއަށްދިއުމުގައި ބޭނުންކުރެވޭނޭ ރަނގަޅު ވަސީލަތެއްގޮތުގައި. މިއީ ރައްޖޭގެ ނިސްބަތަށް ބަލާއިރު ކުރިއެރުން ލިބޭނެ އެންމެ ރަނގަޅު އެއްދާއިރާއެއްކަން ފާހަގަކޮށްލަން. އަޅުގަނޑުމެން ބ. އަތޮޅުން މިކަމަށް އިސްކަންދިނީވެސް މި ސަބަބައްޓަކައި." ބ. އަތޮޅު ކައުންސިލްގެ ނައިބު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ އައުޓްރީޗް އޮފިސާރ ޝާފީ އަލީ ވިދާޅުވީ، މެރިން ރިސާޗްގެ ދާއިރާއަށް ނިކުންނަމުންދާ ދަރިވަރުންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށެވެ.
"އެކަމު މި މަންޒަރު ވަރަށް ބޮޑަށް ބަދަލުވެއްޖެ. ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ކުދިން ރާއްޖޭގައި އުފެދުނު ޔުނިވަރސިޓީތަކުގެ އެހީއާއި އެކީ ތިމާވެއްޓަށް ހޭލުންތެރިވެ، ތިމާވެއްޓާއި ބެހޭ ދާއިރާއިން ކިޔަވާ ކުދިން އިތުރުވެއްޖެ. އަދި އެއަށްވުރެ މާ އުފާވެރި މަންޒަރެއް މިއަދު މި ފެންނަނީ. ސްކޫލްތެރެއިން މިކަަމަށް ހާއްޞަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންދާ މަންޒަރުތައް މި ފެންނަނީ." ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ އައުޓްރީޗް އޮފިސާރ ޝާފީ އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިންޓަރންޝިޕް ޕްރޮގްރާމުން ދަސްވާ ކަންތައްތައް ކުދިންގެ އަމަލީ ދިރިއުޅުމުގައި ބޭނުންކުރުން މުހިންމު ކަމަށްވެސް ޝާފީ ވިދާޅުވިއެވެ. ބ. އަތޮޅު ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ފޯ ސީޒަންސް ލަނޑާ ގިރާވަރުން ދަނިީ އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިއީ މި ރިސޯޓުން ކުރިއަށްގެންދާ މިފަދަ 3 ވަނަ ޕްރޮގްރާމެވެ.