ތަރައްްޤީ

މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


މޯލްޑިވްސް މެރިން އެކްސްޕޯގެ 3 ވަނަ އެޑިޝަންގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމް އަދި ހޯސްޓިން ޕާޓްނަރަކަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހަމަޖައްސައިފިއެވެ.

މެރިން އެކްސްޕޯރ އިންތިޒާމުކުރާ ބްލަކް ޕްރައިވެޓް ލިމިޓެޑުން ވަނީ މި ދެފަރާތާއެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަޢީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ފިނޭންސް ޑައިރެކްޓަރ ޢަލީ ޝަރީފްއެވެ. މި ދެ އެއްބަސްވުމުގައިވެސް ބްލަކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ހުޝާމްއެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ތިންވަނަ އެޑިޝަން ކުރިއަށްދާނީ، ސެޕްޓެމްބަރު މަހުގެ 27 ން ފެށިގެން ތިރީހުގެ ނިޔަލަށެވެ. 

img:http://s4.psmnews.mv/images/660x400/14691117458857.jpg|އެޗްޑީސީގެ ފިނޭންސް ޑައިރެކްޓަރ ޢަލީ ޝަރީފް އަދި ބްލަކްގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހުޝާމް

ބްލަކްގެ މެނޭޖިން ޑިރެކްޓަރ ހުޝާމް ވިދާޅުވީ، މިއަހަރުގެ އެކްސްޕޯއަކީވެސް ކާމިޔާބު އެކްސްޕޯއަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކްސްޕޯއާބެހޭ މަޢުލޫމާތު ވިހާވެސް ގިނަ ފަރާތްތަކަށް ގެނެސްދިނުމަށް ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް އެންމެންނަށް ދެމުން އަންނަ ޕީ.އެސް.އެމާއެކު ޕާޓްނަރޝިޕް ހެދުމަކީ އެކްސްޕޯގެ ކާމިޔާބީއަށް އިތުރުވާނެ ބޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫދު ސަރަޙައްދު ނުލައި، ހުޅުމާލޭގެ ބިމުން ދިހަހާސް އަކަމީޓަރުގެ ސަރަޙައްދެއް ބޭނުންކުރަން ލިބުމަކީ، މިފަދަ ކަންތައްތައް ކުރިއެރުވުމަށް އެޗް.ޑީ.ސީން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ސީ.އީއޯ މުޙައްމަދު ސަޢީދު ވަނީ އެކްސްޕޯގެ ކަވަރޭޖް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަރަށް ފުރިހަމައަށް ގެނެސްދޭނެ ކަމަށް ވިދާޅުވެފައެވެ. އެޗް.ޑީ.ސީގެ ފިނޭންސް ޑިރެކްޓަރ ޢަލީ ޝަރީފް ވިދާޅުވީ، ހުޅުމާލެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ، އަދި އާބަދީ އިތުރުވަމުން އަންނަ ސިޓީއަކަށްވާއިރު، މިފަދަ އެކްސްޕޯތައް ހުޅުމާލޭގައި ބޭއްވުމަށް އެޗް.ޑީ.ސީން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

މިިފަހަރުގެ އެކްސްޕޯގައި ކުރިއަށްގެންދާ މުހިންމު ޙަރަކާތްތަކަށް ބަލާލާއިރު، މެރިން އިންޑަސްޓްރީގެ މާހިރުންނާއި ސްޕެޝަލިސްޓުންގެ ވާހަކަތައް ގެނެސްދޭ މެރިން ޓޯކްސްއާއި، ވޯޓާ ސްޕޯޓްސް މުބާރާތަކާއި އާޓް އެގްޒިބިޝަނެއް ހިމެނެއެވެ. އަދި އެވޯޑިންގ ޙަފްލާ މިއަހަރުވެސް ކުރިއަށްދާނެއެވެ.