ތަރައްްޤީ

ރައީސް، އދގެ ސީނިއާ އެޑްވައިޒަރއާ ބައްދަލުކުރައްވައިފި


ސީނިއަރ އެޑްވައިޒަރ ޓު ދަ ޔޫ.އެން - ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒް، މިސްޓަރ ތަމްރަތް ސަމައުލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ސަރުކާރުން އިސްނަންގަވައިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އ.ދ. އިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްވަރާތައް މިހާރަށްވުރެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި، މިސްޓަރ ތަމްރަތް ސަމައުލް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ އެންމެ އިސްމަންދޫބުގެ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންދާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.