ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ވެގެންދާނީ ދިވެހިންގެ މިލްކުވެރިކަން އޮތް، އެންމެ އަގުހުރި އެއް ހަރުމުދަލަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ތިލަފުށި ބަނދަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ތިލަފުށީގައި ޤާއިމުކުރާ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރަކީ %100 ދިވެހި ރައްޔިތުންގެ މިލްކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވިޔަފާރި ބަނދަރު ތަރައްޤީކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައިކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މި ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، މަސައްކަތް އެއްކޮށް ނިންމާނެ އެންމެ ބޮޑު މަޝްރޫޢަށް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވެގެންދާނެ ކަމަށެވެ. އަދި އެ ބަނދަރު ވެގެންދާނީ ދިވެހީންނަށް އެންމެ މަންފާކުރާނެ މަޝްރޫޢަށް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫޢާ ގުޅޭގޮތުން ދޮގު ވާހަކަތައް ނުފެތުރުމަށްވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ތިލަފުށީގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ %100 މިލްކެއް. ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ…
— Mohamed Saeed (@em_saeed) August 30, 2026
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. މިއީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ.
ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕަރޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ޤާއިމުކުރާނެއެވެ. އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއްވެސް ޤާއިމުކުރާނެއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރުގެ ޚިދުމަތް ރަސްމީކޮށް ހުޅުވައިލުމެވެ.