ޚަބަރު

ކެމްބްރިޖް އައިއެފްއޭއިން ދޭ ޝަރަފުވެރި އެވޯޑެއް އެމްއައިބީއަށް


  • މިއީ އަންހެނުންގެ ލީޑަރޝިޕް ދައުރު ފާހަގަކޮށް ދޭ އެވޯޑެއް

  • "ވުމަނައި ރިޕޯޓް 2026" ގައި 5 މުވައްޒަފުން ފީޗަރކޮށްފައިވޭ

އަންހެނުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ފާހަގަކޮށް މޯލްޑިވްސް އިސްލާމިކް ބޭންކަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

އަންހެނުންގެ ކެރިއަރ ކުރިއެރުވުމަށާއި ލީޑަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއަށް ލިބިފައިވަނީ ކެމްބްރިޖް އައިއެފްއޭއިން ދޭ ޝަރަފުވެރި އެވޯޑެއްކަމަށްވާ "ވުމަނައި ލީޑާޝިޕް އެވޯޑް ފޯ ކެރިއަރ އެޑްވާންސްމަންޓް 2026" އެވެ.

މި އެވޯޑަކީ އަންހެނުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް މަގުފަހިކޮށްދީ، މުއައްސަސާގެ އެކި ދާއިރާތަކުން އިސް ސަފުގައި ހަރަކާތްތެރިވެ ކާމިޔާބީ ހޯދޭނެ ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގައި އެމްއައިބީން ދައްކަމުންދާ ނަމޫނާ ބަލައިގަނެ އެ ބޭންކަށް ދީފައިވާ އެވޯޑެކެވެ.

މި ކާމިޔާބީގެ އިތުރުން، އިސްލާމީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުން ހިމަނައިގެން ނެރޭ "ވުމަނައި ރިޕޯޓް 2026" ގައި އެމްއައިބީގެ 5 އަންހެން ލީޑަރަކު ވަނީ ހިމަނާފައިވެއެވެ. އެ ފަރަތްތައް މި ރިޕޯޓުގައި ހިމަނާފައިވަނީ މާލީ ޚިދުމަތްތަކުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، ދައްކަވާފައިވާ އިސްނެގުމާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން ކަމުގައި އެމްއައިބީން މައުލޫމާތުދެއެވެ.

އެމްއައިބީން ވިދާޅުވީ، މި ޝަރަފުވެރި ކާމިޔާބީއަކީ ބޭންކުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ހުނަރުވެރި އަންހެން މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ހުނަރުވެރިން ބިނާކޮށް، ވަކި ޖިންސަކަށް ތަފާތުކުރުމެއް ނެތި ލީޑަޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްއައިބީން ވިދާޅުވެއެވެ.