ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ވަނީ ހިމަނާފައެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތުގެ ގޮތުގައި ބެލޭނެއެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނުވިނަމަވެސް ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ އެއީ ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބަލާނެއެވެ.
މި އިސްލާހުގައި ޖީއެސްޓީ ނެގުން ލާޒިމުވާ ކަންކަމުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދިނުމަށް ހިމަނާފައެވެ. ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި ކެއުމާއި ދަތުރުފަތުރުފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.
މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ބިލުގެ ސަބަބުން މަގުފަހިވާނެއެވެ.
ބިލާއެކު ސަރުކާރުން ވަނީ އިސްލާހުތަކާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ހިއްސާކޮށްފައެވެ. އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ޚިދުމަތްދޭ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ޓެކްސް ނަގަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.