މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 26ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި މި އިސްލާހުތައް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަސްވެރިކަމުގެ ޤާނުނަށް ގެނައި މި އިސްލާޙަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމާއި މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖަޢާކޮށް، އިތުރަށް ހަރުދަނާ ކުރުމާއި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ، ޤާނޫނުގެ ދަށުން ކުށެއްކަމުގައި ބަޔާންކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހެކެވެ.
މި އިސްލާހުގައި އެފަދަ ކުށުގެ ޖޫރިމަނާ ކަނޑައެޅުމާއި، އެނޫންވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ވަނީ ހިމަނުއްވާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މަސްވެރި ކަމާބެހޭ ވުޒާރާއަށް ދެވިދާނެއެވެ. މިގޮތަށް ހުއްދަ ކަމުގައި ކަނޑައަޅާ މަސްވެރިކަމުގެ ބާވަތްތައް ގެޒެޓުގައި އާންމު ކުރަންވާނެ ކަމަށާއި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް އަދި ނަގާނެ ފީތައް ބަޔާންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އެކި ބަވާތްތަކުގެ މަސްވެރިކަން ކުރި ނަމަވެސް ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުން މަނާވާނެއެވެ. އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގައި ކުރުން ހުއްދަކޮށްފައިވާ ބާވަތުގެ މަސްވެރިކަން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރާ ކުރުން ފިޔަވައި، އެނޫން ޙާލަތެއްގައި އެފަދަ ސަރަޙައްދެއްގައި މަސްވެރިކަން ކުރުމަކީވެސް މަނާކަމެކެވެ.
ހިމާޔަތް ކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ މަހުގެ ބާވަތެއް ބޭރުކޮށްފިނަމަ 1 މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ޚާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ ވުޒާރާއަށް ދެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ޤާނޫނުގައި މަނާކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ސަބަބުން އިދާރީ ފިޔަވަޅު އަޅާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމެއްގެ ސަބަބުން އެ އުޅަނދާމެދު އަމަލުކުރާނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ކުށްތަކާ ގުޅިގެން އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަންވެސް މި އިސްލާހުގައި ވަނީ، ހިމަނުއްވާފައެވެ.