ކާޑެއްދޫ އެއަރޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އެހީތެރިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުރާއިން ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓުގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް އެ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު، ހުވަނި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ ވުޒާރާއަށް އެ ކާޑެއްދޫ އެއަރޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް ލިބިފައިނުވާކަމަށާއި، އެކަން އެ ވުޒާރާގެ ސަމާލުކަމަށް އައީ ސޯޝަލް މީޑީއާގެ ޒަރިއްޔާއިންކަމަށްވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައުމާއެކު ވުޒާރާގެ ކަމާއިގުޅުންހުރި އިދާރާއިން ކާޑެއްދޫ އެއަރޕޯޓުގައި މީގެކުރިން މިފަދަ ކަންކަމުގައި އަމަލުކުރަމުންދިޔަ ގޮތް އޮޅުންފިލުވާ، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސްވެސް އެއަރޕޯޓާއި ހިއްސާކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދަނޑުވެރިކަމާބެހޭ ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެރަށެއް ބަލަހައްޓާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާއި، މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުރާއިން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.