ޚަބަރު

އެސްޑީއެފްސީއިން ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ފާސްކޮށްފި


  • ހިއްސާދާރުންނަށް ޖުމްލަ 2،525،923.80 ރުފިޔާ ބެހުމަށް ވަނީ ނިންމާފަ

  • އެއީ ފައިދާއިން ހިއްސާއަކަށް 0.022 ރުފިޔާގެ މަގުން

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއިން ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި އެސްޓީއެފްސީގެ 6ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ 6ވަނަ އަހަރީ އާންމު ޖަލްސާގައި، އެ ކޯޕަރޭޝަންގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ޖުމްލަ 2،525،923.80 (ދެމިލިޔަން ފަސްލައްކަ ފަންސަވީސްހާސް ނުވަސްތޭކަ ތޭވީސް ރުފިޔާ، އަށްޑިހަ ލާރި)އެވެ. އެއީ ފައިދާއިން ހިއްސާއަކަށް 0.022 ރުފިޔާގެ މަގުންނެވެ.

މި ޖަލްސާގައި ހިއްސާއަކަށް 0.022 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ ވޯޓުންނެވެ.

މި ޖަލްސާގައި 2023ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.

2024ވަނަ އަހަރަކީ ކޯޕަރޭޝަންގެ ފާއިތުވި ފަސްއަހަރުގެ ތެރެއިން މާލީ ގޮތުން އެންމެ ކާމިޔާބު އަހަރެވެ. މިގޮތުން 2024ވަނަ އަހަރު އެ ކޯޕަރޭޝަންގެ މާލީ ހިސާބުތައް ދައްކާގޮތުގައި ހިންގުމުގެ އާމްދަނީ 61.3 މިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 45.2 މިލިޔަން ރުފިޔާ އެ ކޯޕަރޭޝަނަށް ވަނީ ލިބިފައެވެ. މިއީ 2023ވަނަ އަހަރު އެ ކޯޕަރޭޝަނަށް ގެއްލުންވި 21.7 މިލިޔަން ރުފިޔާއާއި އަޅައި ބަލާއިރު 308 އިންސައްތަ އިތުރު އަދަދެކެވެ.

ކޯޕަރޭޝަންގެ މާލީ ހިސާބުތަކަށް ހެޔޮ ބަދަލެއް އައިސްފައިވަނީ، ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއެއްޓުމަށް އަދި ހިންގުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުންކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކައް އަލަށް އުފެއްދުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2019ވަނަ އަހަރު ޤާއިމްކުރެވުނު، ވިޔަފަރީގެ މާހައުލުގައި ނުހަނު މުހިންމު ދައުރެއް އަދާކުރަމުންދާ މާލީ އިދާރާއެކެވެ. އަދި މިއީ މިފަދަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި މާލީ އިދާރާއެވެ.