ތަރައްްޤީ

މާލޭގެ ގޭބީސީއެއްގައި އެވްރެޖްކޮށް 5.4 މީހުން ދިރިއުޅޭ


2014 ވަނަ އަހަރުގެ ބޯހިމެނުމުގެ، ދިރިއުޅޭ ތަނާއި ގޭބީސީގެ މަޢުލޫމާތު ރަސްމީކޮށް އާއްމުކުރައްވައިފިއެވެ. 

ދެހާސް ސާދަވަނަ އަހަރުގެ ބޯހިމެނުމުގެ މަޢުލޫމާތުގެ، އެންމެ ފަހު ޗެޕްޓަރ ކަމަށްވާ ''ދިރިއުޅޭ ތަނާއި، ގޭބިސީގެ މަޢުލޫމާތުގެ ރިޕޯޓް'' ރަސްމީގޮތުން ނެރެދެއްވީ މިއަދު ޗަންޕާ ހޮޓެލްގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މިއަދު އާއްމުކުރެއްވި ސާރވޭއިން ދައްކާގޮތުން ދެހާސް ސާދަވަނަ އަހަރު ރާއްޖޭގައި ސައްބީސް ހާސް ދުއިސައްތަ ސާޅީސްނުވަ ގޭބިސީއެއްގައި މީހުން ދިރިއުޅޭކަމަށް ދައްކައެވެ. މީގެ ތެރެއިން ތިރީސް ނުވައެއް އިންސައްތަ ގޭބިސީއަކީ މާލޭގައި ދިރިއުޅޭ ގޭބިސީކަމަށްވާއިރު، އަތޮޅުތަކުގައި ދިރިއުޅެނީ ފަސްދޮޅަސް އެކެއް އިންސައްތަ ގޭބިސީގައެވެ. ޖުމްލަ ގޭބިސީ ތަކުގެ ނުވަދިހަ ހައެއް އިންސައްތަ ދިރިއުޅެނީ ހައުސިންގ ޔުނިޓްތަކުގައެވެ. އާބާދީގެ އަށްޑިހަ ހަތަރެއް އިންސައްތަ ދިރިއުޅެނީ ގޭގެއާ ،ފްލެޓާއި، އެޕާޓްމެންޓް ފަދަ ތަންތަނުގައެވެ. 

މާލޭގެ ގޭބިސީއެއްގައި އެވްރެޖްކޮށް ފަހެއް ޕޮއިންޓް ހަތަރެއް މީހުން ދިރިއުޅެއެވެ. އަތޮޅުތަކުގައި ގޭބިސީއެއްގައި ދިރިއުޅެނީ އެވްރެޖްކޮށް ފަހެއް ޕޮއިންޓް އެކެއް މީހުންނެވެ. އާބާދީގެ ސާދަ އިންސައްތަ މީހުން ދިރިއުޅެނީ، ގިނަ މީހުން ދިރިއުޅޭ ގޮތަށް ހަދާފައިވާ ލޭބަރ ކުއާޓަރ ތަކުގައެވެ. މިގޮތުން ލޭބަރ ކުއާޓަރސް ތަކުގައި ދިރިއުޅޭ މީހުންގެ ފަސްދޮޅަސް ހަތަރެއް އިންސައްތައަކީ ރިޒޯޓްތަކާއި، ސިނާޢީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ މީހުންނެވެ. ގެއާ ފެލެޓާ އެޕާޓްމެންޓް ފަދަ ތަންތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަސްދޮޅަސް ތިނެއް އިންސައްތައަކީ އަމިއްލަ ގެދޮރުގައި އުޅޭމީހުންނެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ ތެރޭން މިބާވަތުގެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ފަސްދޮޅަސް އިންސައްތަ މީހުންނަކީ ކުއްޔަށް އުޅޭ އިރު، މިފަދަ ތަންތަނުގައި ދިރިއުޅޭ އަށްޑިހަ ތިނެއް އިންސައްތަ މީހުން ދިރިއުޅެނީ އަމިއްލަ ގެދޮރުގައެވެ.

ދިރިއުޅޭ ތަނާއި ގޭބިސީގެ މަޢުލޫމާތު ރިޕޯޓް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒުވިދާޅުވީ މި ރިޕޯޓުން ދައްކާގޮތުން މާލޭގައި އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެމުންދާކަމަށާ، މާލޭއާ ހުޅުމާލޭގެ ޙާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދަވާކަމަށެވެ.

މިރިޕޯޓްގައި ގޭބިސީތަކުގައި ކެއްކުމާއި ބޯން ބޭނުންކުރާ ފެނުގެ މަޢުލޫމާތުގެ އިތުރަށް ގެދޮރު ބިނާކޮށްފައިވާ ގޮތުގެ މަޢުލޫމާތާއި، ގޭބިސީތަކުގައި ކުނި މެނޭޖްކުރެވޭ ގޮތުގެ މަޢުލޫމާތުގެ ތަފާސް ހިސާބުތައްވެސް ހިމަނުއްވާފައިވެއެވެ.