ޤައުމުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރާގައި "މޯލްޑިވްސް 2.0" ނުވަތަ ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމީއްޔާތުގައި ވާހަފަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް 2040 ވަނަ އަހަރު އަންނަންވާއިރު ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ނިޒާމީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަ މައްސަލަތަކެއް ހުރިއިރު ތަރައްޤީ ހާސިލްކުރަންވާނީ ވަށާޖެހޭ މާނަ ހުރި ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހައްލުކުރަން ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޑިޖިޓަލައިޒް ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ހުރިހާ އެންމެން ގުޅިގެން އެކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ޤައުމުގެ ނިޒާމް މިހާރު ހިނގާ ގޮތް ބަދަލުނުކޮށް މިކަމުން ސަލާމަތްވެވެން ނެތް. އިންސާނުން އޭގެ ޒާތުގައި ކަންކަން ކުރާއިރު، އަތުގައި ބާރެއް އޮވެއްޖެއްޔާ ކުރެވޭ ކަމަކީ އަމިއްލަ ނަފްސު އިސްކުރުން. ކޮރަޕްޝަން އޭގެ ސަބަބުން އިތުރުވޭ. އެހެންވީމަ އަމިއްލައަށް ކަންކުރާ މިންވަރު މަދުވާ ވަރު މި ނިންމަނީ ޚިދުމަތުގެ ނިޒާމުގައި ކޮރަޕްޝަން މަދުވާ މިންވަރު. އެހެންވީމަ ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓަވެންޝަން ކުޑަކުރެވެނު ވަރަކުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ވެވޭނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނުން ނިޒާމުގެ ތެރޭގައި ޝާމިލްވާ މިންވަރު މަދުވުމަކީ ކޮރަޕްޝަނަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ޤައުމުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާއިރު، މިކަން އެންމެ ބޮޑަށް ދުނިޔޭގައިވެސް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމު ތަރައްޤީކުރުމަށް ޑިޖިޓަލައިޒޭޝަން މަސައްކަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން އުމްރާނީ ތަރައްޤީއާއެކު ވަށާޖެހޭ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތަކީވެސް އޭގެ ނަތީޖާ ފެންނާނެ ބޮޑު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢޫގެ ތެރޭގައި ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ކިތަންމެ ބޮޑު ނަމަވެސް ހާސިލްކުރެވޭނެ ލަނޑުދަނޑިތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި މަސައްކަތުގެ ތެރެއިން އެސްޓޯނިއާގައި ބޭނުން ކުރާ ނިޒާމުގައި ހުރި ކަންކަން ރާއްޖެއިން ހާސިލްކުރުމަށް ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ.
"އެއްކަމަކަށް މިހާރު ބޭނުން ކުރާ އައިޑީކާޑު ސްމާޓް ޑިޖިޓަލް ކާޑަކަށް ބަދަލުކުރުން ހިމެނިގެންދާނެ. އެކާޑަކީ ހުރިހާ ޚިދުމަތެއް ބޭނުންކުރުމުގައި އަދި ލިބިގަތުމުގައި އެމީހާގެ އައިޑީ ކާޑު. އަދި މުޅި ސަރުކާރާއި ޚިދުމަތްދޭ ނިޒާމުގެ ތެރޭ ހުރިހާ އެންމެ ގުޅާލެވިފައިވާ ނިޒާމެއް ޤައިމްކުރެވޭނެ. ސައިބަރ ސެކިއުރިޓީ ދައިރާ ވަރުގަދަ ކުރެވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ ބޮޑު ކާމިޔާބީ އަކަށް، ހާސިލްވެގެންދާނީ މައުލޫމާތު ހޯދައި ލިބިގަތުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި އެސްޓޯނިއާއަކީ 2 ވަނަ ޤައުމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އިއްތިފާޤެއް ނޫން ކަމަށެވެ. މީގެ ސަބަބުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެވި ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައިވެސް ރާއްޖެއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަގުޗާޓެއް އެކުލަވާލުމަށް ހާއްސަ ސަމިޓެއް ވަނީ ފަށާފައެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސަމިޓުގެ ތެރެއިން ހުރިހާ އިދާރާއަކާއި މުއައްސަސާއަކުން މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު އެއްބަސްވުމަކަށް އަންނާނެއެވެ.