ދިވެހިރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަންގްލަދޭޝްގައި ޚާއްސަ ހަރަކާތެއް، އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބާއްވައިފިއެވެ.
"ދަ ގްރޭޓް ޓޫނާ ގާލާ- ފްލެވަރސް ފްރޮމް ދަ ސަނީ ސައިޑް" ގެނަމުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ހަރަކާތުގައި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި ކާބޯތަކެއްޗާއި ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ވަނީ ދައްކާލާފައެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ އެމް ރަޝީދުއްޒަމާން މިއްލަތުއެވެ.
މި ހަރަކާތުގައި ބަންގްލަދޭޝްގެ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި އެ ޤައުމަށް އެކި ޤައުމުތަކުން ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ވިޔަފާރިވެރިންނާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ ހައި ކޮމިޝަނާއި ރާއްޖޭގެ އެންމެ މަގުބޫލު އެއް ޝެފް ކަމަށްވާ މާހާ ނަސީރު ގުޅިގެންނެވެ.
ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ދިވެހި ކެއުންތަކުގައި ކަނޑުމަސް ބޭނުންކުރާ ގޮތް ލައިވް ސްޓޭޝަންތަކުގައި ދައްކާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރިހަ ފޮޅި ހަދާނެ ގޮތާއި މަސްހުންޏާއި ރޮށި ތައްޔާރުކުރާނެ ގޮތާއި މަސްބުރި ރިހަ އާއި ލޮނުމިރުސް ލައިގެން ޓޫނާ ސްޓޭކް ތައްޔާރުކުރާނެ ގޮތް ދައްކާލާފައިވެއެވެ.
މިހަރަކާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވަނީ ރާއްޖޭގެ އިގްތިސާދާއި މުޖުތަމަޢުތަކާއި ސަގާފަތުގައި މަސްވެރިކަމުގެ ދާއިރާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެގެ މަހުގެ ބާވަތްތައް ބަންގްލަދޭޝަށް ފުޅާ ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށްވެސް ސަފީރު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓަރ ވަނީ މަސްވެރިކަމާާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ.
ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރުމަށް އެކި ޤައުމުތަކުގައި ސަރުކާރުން އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން، އެކި ޤައުމުތަކުގައި ބާއްވާ ރޯޑްޝޯތަކާއި ފެއާތަކުގައި ބައިވެރިވުމާއި ސަފާރާތައް މެދުވެރިކޮށް ހަރަކާތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.