ކުޅިވަރު

މުބާރާތާ މެދު ވަރަށް ހިތްހަމަޖެހޭ، ބޭނުމީ ތަށި: ހެނާންޑޭޒް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް ފުޓްބޯޅަ މުބާރާތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބަދުވެސް ނުކުންނަނީ ތަށި ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ މިދިޔަ ހޯމަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުންނެވެ.

ކޯޗު ހެނާންޑޭޒް ބުނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޒިޔާއިން ތައްޔާރުވަމުން ދިޔައީ ފުޓުބޯޅަ ސީޒަނަށް ކަމަށެވެ. އެހެންނަމަވެސް ސިޒަން ނުފެށި ދިގުލައިގެން ދިއުމާ ގުޅިގެން އެފްއޭއެމްއިން ލީގު ކަޕްގެ ނަމުގައި ފެށި މިމުބާރާތާކީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށެވެ. މިއީ ކުޅުންތެރިންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

އެފްއޭއެމް ލީގު ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ކޯޗުވަނީ ބުނެފައެވެ. މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ މެޗުތައް ކާމިޔާބުކުރުމަށްކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ވަރަށް ދުވަސްވެއްޖެ ފަތިތަކުރުންތައް ބާއްވާތާ. ޖެނުއަރީމަހުން ފެށިގެން އަހަރެން މިއަންނަނީ މާޒިޔާއާއެކު މަސައްކަތްކަތްކުރަމުން" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހެނާންޑޭޒް ބުންޏެވެ.

ގަލޮޅު ދަނޑުގައި ހުރެ ހެނާންޑޭޒް ބުނީ އެމީހުންނަކީ މާޒިޔާ ކަމަށާއި، މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ ތަށި ހޯދަން ކަމަށެވެ.

"އަހަރުމެންނަކީ މާޒިޔާ، ކޮންމެ ތާކު ތިއްބަސް އަހަރުމެން އަބަދުވެސް މަސައްކަތްކުރާނީ ތައްޓަށް" ސްޕެއިނަން ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ހެނާންޑޭޒް ބުނީ މާޒިޔާއިން އަބަދުވެސް އެންމެ އިސްކަމެއްދޭ އެއްކަމަކީ ޒުވާން ކުޅުންތެރިން އުފައްދައި، އެކުޅުންތެރިންނަށް ދަނޑުމަތިން ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް މާޒިޔާގެ ސްކޮޑުގައި ފުރާވަރުގެ ހުނަރުވެރި ކުދިންތަކެއް ހިމެނޭކަން އޭނާ ފާހަގަކުރިއެވެ.

އެފްއޭއެމް ލީގު ކަޕުގައި ނިއު ރޭޑިއަންޓާ ބައްދަލުކުރި މެޗުންވެސް މާޒިޔާގެ ޒުވާން މޫނުތަކެއް ވަނީ ދަނޑުމަތިން ފެނިފައެވެ. އެގޮތުން އުމުރުން 16 އަހަރުގެ މުޙައްމަދު އިލާން އިމްރާންގެ ފަރާތުން ލަނޑެއްވެސް އެ ދުވަހުގެ ފެނިގެންގޮސްފަވެއެވެ.

އެފްއޭއެމް ލީގު ކަޕުގައި މާޒިޔާ ދެން ވާދަކުރަންޖެހޭނީ ޓީސީ ސްޕޯޓްސް ކުލަބާއެވެ. މި މެޗު އޮންނާނީ ހުކުރު ދުވަހުގެރޭ 09:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.