ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ސިޓީ ފްރެންޑްސް ބަލިކޮށް، ތާވަލުގެ ތިންވަނައަށް ފްލެކްސަރ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ފްލެކްސަރ މޮޅުވީ ސީދާ ސެޓުންނެވެ.
މި މެޗުގައި ފްލެކްސަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-21، 25-11 އަދި 25-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްލެކްސަރގެ ބިދޭސީ ކުޅުންތެރިޔާ ޗަނޮކްނަންއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ފްލެކްސަރ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި މެޗުން ބަލިވި ސިޓީ އޮތީ ތާވަލުގެ ފަސްވަނައިގައި ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.