ކުޅިވަރު

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް ފަށައިފި


ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" ގެ ކުޅުން ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ފުރަތަމަ މެޗުތަކުގައި ވާދަކުރީ ފިރިހެން ޑިވިޝަންގެ ދަ ސަދާން ސްޕޯޓްސް ކުލަބާއި ޒެފްރޯލް އެވެ. މިމެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޒެފްރޯލްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެފްރޯލްގެ އަހުމަދު ނަޖީބެވެ.

މުބާރާތުގައި އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި އެފްޖީއެސް އާއި ޓީމް ކިނާން ވާދަކުރި މެޗު ކިނާން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކިނާންގެ ފާތިމަތު ސައުޝަންއެވެ.

މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް އެންމެ ގިނަ ޓީމާއެކު ބޭއްވޭ ބީޗް ހޭންޑްބޯޅަ މުބާރާތެވެ.

ދެ ޑިވިޝަނަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން 12 ޓީމު ވާދަކުރާނެއެވެ. ތިން ގްރޫޕަކަށް ޓީމުތައް ބެހިފަވާއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމާއި ގްރޫޕްގެ ތިން ވަނައަށް ދާ ޓީމުގެ ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ.