ކުޅިވަރު

ގައުމީ ވޮލީ ލީގު: ހުރާ ހޯދި ފުރަތަމަ މޮޅާއެކު ތިންވަނައަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅާއެކު ލީގުގެ ތިންވަނައަށް ހުރާ ކޮމިއުނިޓީ ކުލަބު ޖެހިލައިފިއެވެ.

ޒުވާނުން މަރުކަޒިގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ހުރާ ޓީމުން ކާމިޔާބުކުރީ ފްލެކްސަރ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު ހުރާ ޓީމުން ކާމިޔާބުކުރީ 18-25 އިންނެވެ. ފްލެކްސަރ އެންމެފަހުން ކުޅުނު މެޗުން ވެމްކޯ އަތުން މޮޅުވުމާއެކު ރޭގެ މެޗަށް އެޓީމުން ނުކުތީ އިތުބާރާއެކުއެވެ. އެހެން ނަމަވެސް ހުރާ ޓީމުން ވަނީ ރޭގަ މެޗުގައި ވަރަށް ރަނގަޅަށް ކުޅެފައެވެ.

މެޗުގެ ދެވަނަ ސެޓުގައި ހުރާ ޓީމަށް އުނދަގޫތަކެއް ދިމާވިއިރު މި ސެޓު ފްލެކްސަރ އިން ކާމިޔާބުކުރީ 25-22 އިންނެވެ. ކޮންމެ ޓީމަކުން ވެސް އެއްސެޓު ގެންދިޔުމާއެކު މެޗުގެ ކުޅުން ފޯރިގަދަ ވެގެން ދިޔައިރު، ޖެހިގެން އައި ސެޓު ހުރާ ޓީމުން ގެންދިޔައީ 21-25 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓު ހުރާ ކާމިޔާބުކުރީ 25-18 އިންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ހުރާ ޓީމުގެ ރަޝިޔާ ކުޅުންތެރިޔާ ވެރޯނިކާ ޒުބަރޭވާއެވެ.

ލީގުގަ ރޭގަ ހޯދި މޮޅާއެކު ހުރާ ޓީމުން ވަނީ ހަތަރު ޕޮއިންޓު ހޯދާ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ފްލެކްސަރ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ ފަސް ވަނާގައެވެ. ލީގުގެ އެންމެ ކުރީގަ އުޅެނީ ޕޮލިސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެމްކޯ އެވެ. މި ދެޓީމުން ވެސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.