ތަރައްްޤީ

އައިޔޫއެމްގައި ޕީ.އެޗް.ޑީއަށް ކިޔަވައިދެއްވަން ފަށްޓަވައިފި


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި ޕީ.އެޗް.ޑީ މަރުޙަލާއަށް ކިޔަވައިދެއްވަން ފަށްޓަވައިފިއެވެ. ރޭ ބޭއްވެވި އިސްލާމިކް ޔުނިވަސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޕީ.އެޗް.ޑީ މަރުޙަލާއަށް ކިޔަވައިދެއްވަން ފަށްޓަވާފައިވަނީ ޖުޑީޝަލް ސައިންސްގެ ދާއިރާއިން ކަމަށެވެ. ޔުނިވަރސިޓީން ވިދާޅުވި ގޮތުގައި ކޯހުގައި ބައިވެރިވުމަށް އެދި 12 ފަރާތަކުން ހުށައަޅާފައިވެއެވެ.  އެހެންނަމަވެސް ފުރުޞަތު ދީފައިވަނީ 5 ފަރާތަކަށް ކަމަށެވެ. މިއީ ސީދާ ޢަރަބި ބަހުން ކިޔަވައިދޭ ކޯހެކެވެ. ޖުޑީޝަލް ސައިންސްގެ ޕީ.އެޗް.ޑީއާއެކު، ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީގެ މާސްޓަރސް ކޯހާއި، ކޮމްޕަރެޓިވް ލޯގެ މާސްޓަރސް ކޯސްވެސް އިސްލާމިކް ޔުނިވަސިޓީން ފަށްޓަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ދާއިރާތަކުން ކިޔަވައިދެއްވުމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ލެކްޗަރާއިންނަކީ މުޅި އޭޝިޔާ ސަރަޙައްދުގެ އެންމެ ފުންނާބު އުސް ލެކްޗަރާއިން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ އިޤްތިޞާދާބެހޭ އިލްމުގެ ކޯސްތައް ފެއްޓެވުމުގެ ގޮތުން އެ ދާއިރާގެ ކޯސްތަކެއް އަންނަ ޖެނުއަރީ މަހު ފެށިގެންދާނެ ކަންވެސް ވައިސް ޗާންސެލަރ ޝަހީމް ފާހަގަކުރެއްވިއެވެ. މެލޭޝިޔާގެ ގްލޯބަލް ޔުނިވަސިޓި އޮފް އިސްލާމިކް ފައިނޭންސްއާ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ފައުންޑޭޝަން ކޯސްތަކާ، ޑިޕްލޮމާ، ޑިގްރީ ކޯސްތަކުގެ ކަރިކިއުލަމްގެ އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަންވެސް ފާހަގަކުރެއްވާ ޝަހީމް ވިދާޅުވީ  އަންނަ ޖެނުއަރީ މަހުގެ ތެރޭގައި  އިސްލާމިކް ފައިނޭންސްގެ އިސްލާމިކް އިންޝިއުރަންސާ، ތަކާފުލާބެހޭ ތަޢުލީމު އިސްލާމިކް ޔުނިވަސިޓީގައި ފެށިގެންދާނެ ކަމަށެވެ.  

މީގެއިތުރުން، އުސޫލުލް ފިޤްހުގެ މާސްޓަރސްއާއި ޕީ.އެޗް.ޑީ  ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ފެށިގެންދާނެ ކަމަށްވެސް އެ ރަސްމިއްޔާތުގައި ޝަހީމް އިޢުލާން ކުރައްވާފައިވެއެވެ.  އަދި އިސްލާމިކް ޔުނިވަސިޓީ ވަރުގަދަކުރުމަށްޓަކައި  ބައިނަލްއަޤްވާމީ ގޮތުން ބޭނުންވާ އެއްބާރުލުން ހޯއްދަވަމުންދާ ކަމަށާއި، އެގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ އެހީތެރިކަމާ މަދަދު ހުރިހާ ގޮތަކުން ލިބޭ ޔުނިވަސިޓީއަކަށް އިސްލާމިކް ޔުނިވަސިޓީ ހެއްދެވުމުގެ މަސައްކަތް ފެށިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޖާގައިގެ ދަތިކަމުން ގިނަ ކުދިންނަށް ފުރުސަތު ނުދެވުނު ނަމަވެސް، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެކަމަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އިސްލާމިކް ޔުނިވަސިޓީއަށް އިސްލާމީ ހައިބަތާ ގަދަރާ ގުޅޭވަރުގެ ރީތި ބިނާއެއް ލިބިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.