ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ވަރޓިކަލް ޕާކިންގ ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 
ހުޅުމާލޭގައި ހަދާފައިވާ ވަރޓިކަލް މެކޭނިކަލް ޕާކިންގ ސިސްޓަމްތަކަކީ 2017 ވަނަ އަހަރު ޤާއިމުކުރި ސިސްޓަމްތަކެކެވެ. މިފަދަ 7 ސިސްޓަމެއް ޤާއިމުކޮށްފައި ހުރި ނަމަވެސް މިހާތަނަށް އައިއިރުވެސް މިއިން އެއްވެސް ތަނެއް ބޭނުންކޮށްފައެއްނުވެއެވެ. 
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކުރިން އެޗްޑީސިގެ ބެލުމުގެ ދަށުގައި ހުރި ޕާކިންގ ސިސްޓަމްތައް އެ ވުޒާރާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ޕާކިންގ ސިސްޓަމްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. 
ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ވުޒާރާއަށް ލިބިފައިވާ ބިމަށް ޕާކިންގ ސިސްޓަމްތައް ބަދަލުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތް މަހެއްހާދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ބިމުގެ ޕްލޭނިން މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު ވިދާޅުވީ، އެ ސިސްޓަމްތައް ދެވަނަ ފިޔަވައްސަށް ބަދަލުކޮށް ޕާކް ކުރުމަށް ހުޅުވާލާނީ ވަރަށް ކުޑަ އަގެއްގައިކަމަށެވެ. 
"އެއީ ގާތްގަޑަކަށް 275 ވަރަކަށް ވެހިކަލް ޕާކް ކުރެވެނެ. އިރާދަކުރެއްވިއްޔާ އެ ޕާކިން ރެކްތައްވެސް ބޭނުން ކުރެވެ ތަކެތީގެ ގޮތުގައި ހަދާނަން. އިސްކަން ދޭނަން ހުޅުމާލޭގައި ދިރިއުޅޭ ނުކުޅެދޭ ކުދިން ގެންގުޅޭ މީހުންނަށް އެލޮކެޝަންއެއް ހަދާފައި، ފުލުހުންނަށްވެސް އެލޮކޭޝަންއެއް ހަދަން. އާންމު ރައްޔިތުނަށްވެސް ވަރަށް ކުޑައަގެއްގައި ޕާކުކުރެވޭނެ ގޮތަށް ހުޅުވާލުމަށް ރާވަމުން މިދަނީ." ވަޒީރު އަމީން ވިދާޅުވިއެވެ. 
		
			ވަރޓިކަލް ޕާކިންގއަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވުމާއެކު، އިންޖީނުލީ އުޅަނދު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޒަމާނީ ލުޔެއް ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ހުޅުމާލޭގައި މިފަދަ ޖުމްލަ 7 ރެކް ހުރިއިރު އޭގެތެރެއިން 2 ރެކް ފުލުހުންނާ ޙަވާލުކޮށްފައިވެއެވެ. 
މި ސިސްޓަމްތައް ޚާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. ސިނަމާލެ ބްރިޖާއި، ހުޅުމާލޭގައި ކުރިއަށްގެންދާ ގިނަ ހައުސިންގ މަޝްރޫޢުތަކާއެކު، ހުޅުމާލޭގެ އާބާދީ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު ހުޅުމާލެގައިވެސް ޕާކިންގ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.