އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު އިލްތިމާސްކުރައްވައިފިއެވެ. 
ވަޒީރު މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއްކަން ފާހަގަކުރައްވައި، އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ މާތް ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގއިކަމަށެވެ. އަދި އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ދިވެހި ލޮބުވެތި އެންމެހާ  އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
		
ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް. ޢީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގަ. އިސްލާމީ އަޚުލާޤާއި ސަޤާފަތާ ތަޢާރުޟު ނުވާގޮތައް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 17, 2024
			
ރާއްޖޭގެ އެކި ޞަރަހައްދުތަކުގައި ތަފާތު ޙަރަކާތްތަކާއެކު ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދު ފާހަގަކުރާއިރު ބައެއް ފަރާތްތަކުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ އަދި އިސްލާމީ ރިވެތި އުޞޫލުތަކާ ބީރައްޓެހި ހަރަކާތްތައްވެސް އިންތިޒާމުކޮށްގެން ކުރިއަށްގެންދާކަމަށްބުނެ އެކަމުގެ ޝަކުވާއާއި ބައެއް މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވެއެވެ. 
މިފަދަ ކަންކަމާއި ގުޅިގެން ސަރުކާރުން ވަނީ ޢީދު ފާހަގަކުރުމުގެ ކަންކަން އިސްލާމީ އަދި ޒަމާނުއްސުރެ ދިވެހިން ފާހަގަކުރަމުންދިޔަ ތަރަހައިގެ ތެރެއިން ކުރިއަށްގެންދިއުމަށް ބާރުއަޅުއްވާފައެވެ. 
އެގޮތުން އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. 
އަދި ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ ޢީދު ޚުތުބާގައިވެސް ވަނީ ބާރުއަޅުއްވާފައެވެ. 
ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންނަކީ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވާފައިވާ ބައެކެވެ. އެހެންކަމުން މުސްލިމުން އުފާ ފާޅުކުރާއިރު، ތަބައަވާން ޖެހޭނީ އިސްލާމްދީނުގެ އުޞޫލުތަކަށް ކަމަށް ވަނީ ވިދާޅުވެފައެވެ. 
މިފަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރެއްގައި ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމައި އެކި ހަރަކާތްތައް ކުރިއަށްގެންދާއިރު އެ ހަރަކާތްތަކުގައިވެސް އިސްކަންދެނީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަދަ ހަރަކާތްތަކަށްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.