ޚަބަރު

ހުޅުމާލެއިން ދިވެހިންނަށް ހާއްސަކޮށްގެން 13 ބިމެއް ވިއްކަން ހުޅުވާލައިފި


  • 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ 13 ބިން ވިއްކާނެ

  • ބިން ގަންނަން އެޕްލިކޭޝަން ހުށަހެޅޭނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް

ހުޅުމާލެއިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ދިރިއުޅުމުގެ ބޭނުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުންނެވެ.

އެގޮތުން 1864 އަކަފޫޓާއި 2408 އަކަފޫޓާ ދެމެދުގެ 13 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީ ބުންޏެވެ.

އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފް އިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ބިޑުކުރުން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއަށް ކަމަށެވެ.