ޚަބަރު

އުއްމީދަކީ ފޮނަދޫއަށް އިޖްތިމާޢީ ދައިރާއިން ބޭނުންވާ ތަރައްޤީ ހާސިލްވުން: ފޮނަދޫ ކައުންސިލު


  • ހައްދުއްމަތީ ފޮނަދޫ ކައުންސިލާއި ވަޒީރު އައިޝަތު ޝިހާމް ބައްދަލު ކުރެއްވި

  • ކައުންސިލުން ވަނީ އިޖްތިމާޢީ ދައިރާއިން ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައި

  • އިޖްތިމާޢީ ވަޒީރު އައިޝަތު ޝިހާމް ވުޒާރާގެ ދައިރާގެ ހިމެނޭ ކަންކަން މުޢައްސަސާތަކުން އޮޅުންފިލުވާފައި

އުއްމީދަކީ ފޮނަދޫއަށް އިޖްތިމާޢީ ދައިރާއިން ބޭނުންވާ ތަރައްޤީ ހާސިލުވުންކަމަށް ފޮނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެކައުންސިލުން މިހެން ވިދާޅުވީ އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވަޒީރު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ވަޒީރާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

ހައްދުންމަތީ ފޮނަދޫގެ މުޢައްސަސާތަކާއި ޢާއިލާއާއި އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. ފޮނަދޫގެ މެދު އަވަށު އިޖްތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުންތަކުގައި، ފޮނަދޫ ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ފޮނަދޫގައި ހަރަކާތްތެރިވާ މުޢައްސަސާތަކާއިވެސް ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.

ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ފޮނަދޫގައި އިޖްތިމާޢީ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި މިހާރު ހުރި އިޖްތިމާޢި މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ހައްދުންމަތީގައި އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރައްވާފައެވެ. އަދި މީގެ އިތުރުން އެ ވުޒާރާގެ ފަރާތުން ހިންގުމަށް ރޭވިފައިވާ ޕްރޮގްރާމުތަކުގައި ކައުންސިލުގެ އެއްބާރުލުން ބޭނުންވާކަން ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.


ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޟް ވިދާޅުވީ، ސަރުކާރުން މި ސަރަހައްދުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާއިރު، ގިނަ ބަޔަކު މި ސަރަހައްދުގައި ވަޒަންވެރި ވެގެންދާނެ ކަމަށެވެ. އެއާއެކު އިޖްތިމާޢީ ދައިރާއިން ގިނަ ކަންތައްތަކެއް އަންނާނެކަން ޤަބޫލުކުރެވޭ ކަމަށާއި އެކަމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ އިޖްތިމާޢީ ތަރައްޤީގެ ދައިރާއިން އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ހާސިލް ކުރެވޭނެ ކަމަށް. އަދި ހާއްސަކޮށް މި ތަރައްޤީ ހާސިލް ކުރާއިރު ވަށާޖެހޭނެ ގޮތަކަށް މިކަންކަން އިންތިޒާމުވެފައި ހުރުން އެއީ އަޅުގަނޑުމެން މިވަގުތައް އެންމެ ބޭނުންވާ ކަންތައް. އެހެން ކަމުން މިކަންކަން ހާސިލް ކުރުމަށް އަޅުގަނޑުމެން މުޢައްސަސާތަކާއި ޑަބްލިއުޑީސީއާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އަރުވާލަން ބޭނުން " ރިޔާޟް ވިދާޅުވިއެވެ.

އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކައުންސިލުގެ އިތުރުން ފޮނަދޫގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ މުޢައްސަސާތަކާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ އެ ވުޒާރާއާއި ގުޅުން ހުރި ކަންކަމުގައި މުޢައްސަސާތަކަށް މިހާރު ހުރި ގޮންޖެހުންތައް އޮޅުން ފިލުވާފައެވެ. އަދި ކުރިއަށް އަންނަން އޮތް ޢުމްރާނީ ތަރައްޤީއާއިއެކު މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރުމަށް އެ ވުޒާރާގެ ފަރާތުން މުޢައްސަސާތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


އާއިލާއާއި، އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމެއް ހައްދުންމައްޗަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި "އުފާ ޕްރޮގްރާމް" އިފްތިތާޙް ކުރާނެއެވެ. މީގެ އިތުރުން ހައްދުންމަތީ އަތޮޅު ކައުންސިލާއިވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.