އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން، 2026 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ މިންވަރު ބައިނަލްއަޤުވާމީ މާލީ ފަންޑުން (އައިއެމްއެފް) ދަށްކޮށްފިއެވެ. އެ އިދާރާއިން ޖުލައި 8 ގައި ޢާންމުކުރި ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އެޕްރީލު މަހު %3.1 ގައި ހުންނާނެ ކަމުގައި ލަފާކުރެވުނު ކުރިއެރުން މިހާރު ވަނީ %3 އަށް ދަށްކޮށްފައެވެ. މިއީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ސަބަބުން ލިބުނު ކުރިއެރުމާއެކު ވެސް ކުރިމަތިވި މަޑުޖެހުމެއް ކަމުގައި އެ އިދާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދެހާސް ހަތާވީސް ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދު ކުރިއަރާނެ މިންވަރު %3.4 އަށް އުފުލޭނެ ކަމުގައި އައިއެމްއެފުން ލަފާކުރެއެވެ. ނަމަވެސް، މި އަހަރު އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު %4.7 އަށް އުފުލޭނެ ކަމުގައި ވެސް އެ އިދާރާއިން އަންދާޒާ ކުރެއެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު މި އަދަދު ހުރީ %4.1 ގައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، އިޤުތިޞާދީ ގޮތުން ދުނިޔެއަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ ކަން އައިއެމްއެފްގެ އެންމެ ފަހުގެ ހިސާބުތަކުން ހާމަވާ ކަމުގައެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ތިން އުޅަނދަކަށް އީރާނުން ޙަމަލާދީފައިވާ ކަމުގައި ތުހުމަތުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައް ފެށުމާއެކު ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ޚާއްޞަކޮށް ތެލުގެ އަގު ވަނީ %7 އަށް އުފުލިފައެވެ. ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މައިގަނޑު މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު 79 އެމެރިކާ ޑޮލަރަށް އުފުލިގެން ގޮސްފައި ވަނީ އެމެރިކާގެ އެންމެ ފަހުގެ ޙަމަލާތަކާ ގުޅިގެންނެވެ.
މި ޙާލަތުގައި ވެސް އެމެރިކާގެ އިޤުތިޞާދު %2.3 އިން ކުރިއަރާނެ ކަމުގައި އައިއެމްއެފުން ލަފާކުރެއެވެ. ވިލާތުގެ ޤައުމުތަކުގެ އިޤުތިޞާދީ ކުރިއެރުން %0.9 ގައި ހުންނާނެ ކަމުގައި އައިއެމްއެފުން އަންދާޒާކުރާއިރު، އިނގިރޭސިވިލާތުގެ އިޤުތިޞާދު %1 އިން އަދި ޖަޕާނުގެ އިޤުތިޞާދު %0.6 އިން ކުރިއަރާނެ ކަމުގައި ވެސް އެ އިދާރާއިން ލަފާކުރެއެވެ. ޗައިނާގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް އައިއެމްއެފުން އަންދާޒާ ކުރަނީ %4.6 ގައެވެ.