ޚަބަރު

ޗިކުންގުންޔާ ކޮންޓްރޯލްކުރުމަށް މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުން މުހިންމު


  • މިއީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ބައްޔެއް

  • މި މަދަރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރު

  • ބަލި ފެތުރުން ހުއްޓުވުމަށް މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުން މުހިންމު

ޗިކުންގުންޔާގެ ކޭސްތައް މިދުވަސްވަރު ރާއްޖޭގައި އިތުރުވާން ފަށާފައިވާތީ، މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް މަދިރި އާލާވާފަދަ ތަންތަން ނައްތާލާ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެ އެޖެންސީން ވަނީ އިރުޝާދުދީފައެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ.

މި ބަލި ފެތުރެނީ ކިހިނެއް؟

މި ބަލި އާންމުކޮށް ފެތުރެނީ ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް މި ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމަށްފަހު ބަލީގެ ވައިރަސް ވާޞިލުވުމުންނެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

މި ބަލި ޖައްސާ އީޑީސް މަދިރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކަމަށްވިޔަސް، މި މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. ނަމަވެސް އެންމެ ރަނގަޅުގޮތަކީ ހުރިހާ ވަގުތެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވެގެން ތިބުމެވެ.

ޗިކުންގުންޔާގެ އަލާމާތްތައް:


• 39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން
• ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
• ހުޅުހުޅުގައި ރިއްސުން
• ހުޅުހުޅު ދުޅަވުން
• ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
• ގައިގައި ރަތް ބިހިތަކެއް ނެގުން

މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލުކުރާ މިހުންނަށެވެ. އެހެންކަމުން މި އުމުރުފުރާގެ މީހުން ގެއިން ބޭރަށް ނުކުމެ އުޅުމުގައްޔާއި މަދިރި ގިނަވާ ވަގުތުތަކުގައި މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

މި ބަލިޖެހުމުން ރައްކާތެރިވާނެ ގޮތްތަކަކީ ކޮބާތޯ؟

ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް އެތަކެތީގައި މަދިރީގެ ބިސް ހަރުލާފައި ހުރެއެވެ. އަދި ހަލާކުނުވެ 6 މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެއެވެ.

އެހެންކަމުން މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއް އެއްފަހަރު ސާފުކުރުމަށް ސަމާލުވާންވާނެއެވެ.

މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމަށް ސަމާލުކަންދިނުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށްޓަކާ މަރިދިހެފުމުންވެސް ރައްކާތެރިވާން އެބަޖެހެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމަކީ:

• ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
• މަދިރި ގެ ބޭނުން ކުރުން
• ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
• މަދިރި ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުން
• މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުންކުރުން

ޗިކުންގުންޔާގެ ފަރުވާ:


• އަރާމުކުރުން
• ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
• ހުން އައިސް ގައިގައި ރިއްސާނަމަ ޕެނަޑޯލް ނުވަތަ ޕެރެސެޓެމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން

ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާކަމަށް ފާހަގަކުރެވޭނެނަމަ، ނުވަތަ 3 ދުވަހާއި 7 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ނުވަތަ ހުޅުހުޅުގައި ރިއްސާނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.

ސާފުފެން ހަރުލާ ކޮންމެ ތަނެއްގައިވެސް މިބަލި ޖައްސާ އީޑީސް މަދިރި ބިސް އަޅައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އިސްކަމެއްދީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.