ޚަބަރު

"ފުށިދިއްގަރުފަޅުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށްދާނެ"


  • މިއީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު

  • ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރުގައި

ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓޭކަމަށާއި، އެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ 18 ޑިސެމްބަރު 2023 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި ނުވަތަ މަޑުޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކާގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، އެ މަޝްރޫޢު ނުހުއްޓި ކުރިއަށްދާކަމަށެވެ. އެގޮތުން އެ މަޝްރޫޢާ ގުޅިގެން ކުރިއަށްގެންދަންޖެހޭ އީ.އައި.އޭއާއި، ޑިޒައިންކުރުމާއި އެނޫންވެސް ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް ކުރިއަށްދާކަމަށެވެ.

"ފުށިދިއްގަރުފަޅު މަޝްރޫޢު ނުހުއްޓޭ. ތިބޭފުޅުންނަށް ހިއްކުމުގެ މަސައްކަތް ނުފެނުނަމަވެސް އެމަޝްރޫޢާގުޅޭ މަސައްކަތްތައް އެބަކުރިއަށްދޭ. ރައީސް ވިދާޅުވި ތާރީޚަށް މަޝްރޫޢު ކުރިއަށްދާނެ." ހީނާ ވަލީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތަކުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި މި ސަރުކާރުން ކުރަމުންދާކަމަށާއި، އޭގެ ތެރޭގައި އެކި މަރުހަލާތަކުގައި މަޑުޖެހިފައި ހުރި މަޝްރޫޢުތަކާއި ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ. މި ސަރުކާރުން ހަލުވި ސްޕީޑުގައި ތަރައްޤީ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންދާކަމަށްވެސް ހީނާ ވަލީދު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކާ "ރަސްމާލެ"ގެ ގޮތުގައި އެތަން ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގެ ތަރައްޤީގެ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1،2 އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ.

މި މަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ. ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް މިތަން ތަރައްޤީވެގެންދާއިރު، އެތަން ވެގެންދާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.