ޚަބަރު

ގަމާއި ފޮނަދޫ ސިޓީއެއްގެ ދަރަޖައިގައި މި ސަރުކާރުން ތަރައްޤީކޮށްދޭނެ: ފައިޞަލް


  • އެކަމަށްޓަކާ ބޭނުންވާ ތަރައްޤީއާއި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވި

  • ލ. އަތޮޅުގައި 4 ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ލ. އަތޮޅު ފޮނަދުއާއި ގަން، ސިޓީގެ ދަރަޖައަށް ބަދަލުކޮށްދެއްވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، އެމަނިކުފާނު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަސް ކަމަށެވެ.

އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްޤީގެ ހުރިހާ ކަމެއް ސަރުކާރުން ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ސަރުކާރުން ޤާއިމުކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްޤީވެފައި އޮތް ސިޓީއަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުޢިއްޒުގެ މި ސަރުކާރުގައި،" ފަތުރުވެރިކަމާބެހޭ ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ލ. އަތޮޅުގައި ފަތުރުވެރިކަން ހިންގުމަށް މިހާރުވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ހައްދުންމަތީގައި ވަން އައިލެންޑް ކޮންސެޕްޓަށް 4 ރިސޯޓު ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް އެ އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދިނުމުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ އެއަރޕޯޓަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.