ޚަބަރު

ސިމްކާޑު ނަގާއިރު، ޑީއެންއާރުން މަޢުލޫމާތު ވެރިފައި ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފި


  • ދިވެހި ރައްޔިތުންގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ދިރާގާ ދެމެދު

  • މީގެ ސަބަބުން މީހާގެ ޒާތީ މަޢުލޫމާތު ކަށަވަރުކުރެވޭނެ

  • ސްކޭމްތަކުން ރައްކާތެރިވުމަށް އެހީއަކަށްވާނެ

ދިރާގުން ސިމްކާޑު ނަގާއިރު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މަޢުލޫމާތު ބޭނުންކޮށްގެން މީހާގެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ދިރާގުން ޤާއިމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގަށް މަޢުލޫމާތު ޙިއްސާކުރުމުގެ އެއްބަސްވުމެއް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ޤާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޑީއެންއާރުން ބަލަހައްޓާމުންދާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު ދިރާގުން ގެންގުޅެން ޖެހޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން، ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ޞައްހަކަން ޑީ.އެން.އާރުގެ ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. އަދި މިހާރު ޢާންމުވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. އެއީ މީހަކު ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރުގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ދިރާގަށް ވެރިފައި ކުރެވޭނެތީއެވެ.

އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މި ޚިދުމަތުގެ ސަބަބުން ހުއްޓުވިގެން ދާނެކަމަށް ދިރާގުން ބުނެއެވެ.

ސިމްކާޑު ދޫކުރުމާ ގެންގުޅުމުގެ އުސޫލަށް، ޓެލެކޮމިއުނިކޭޝަން ޤާނޫނުގެދަށުން މިދިޔަ އަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި ގެނައި ބަދަލާއެކު ދިވެއްސެއްގެ ނަންމަތީގައި އެންމެ ގިނައިން ނެގޭނީ 10 ސިމްކާޑެވެ. އަދި ބިދޭސީއަކަށް ނެގޭނީ 3 ސިމްކާޑެވެ. ސިމް ކާޑު ދޫކުރަނީވެސް 18އަހަރުން މަތީގެ މީހުންނަށެވެ.
ޤަވާއިދުތަކާ ޚިލާފުވާނަމަ އަޅާނެ އިދާރީ ފިޔަވަޅުތައްވެސްވަނީ ބަޔާންކޮށްފައެވެ.