މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ސްކޭމްގެ މައްސަލަތަކުގެތެރޭގައި ސައިބާ ކްރައިމްގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %90 ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމްތަކެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މިމައްސަލަތަކުގައި 184،235.00 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންގެ މަސައްކަތުން މީގެތެރެއިން 72,073.00 ރުފިޔާ ކާމިޔާބުކަމާއެކުވަނީ އަނބުރާ ހޯދައިދީފައެވެ.
ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
* އީ- ކޮމާސް: 16 މައްސަލަ
* ފައިސާ މާރުކުރުން: 4 މައްސަލަ
* އެހެންމީހަކަށް ވެގެން އޮޅުވާލުން: 1 މައްސަލަ
* ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7
* އެހެނިހެން: 5 މައްސަލަ
(އީ-ކޮމާސް) ސްކޭމްތަކަކީ މިދިޔަ ހަފްތާވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކަށްވާތީ އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އެހެން ހަފްތާތަކާއި ޚިލާފަށް 'ބުކިންގ ކެންސަލް ރިފަންޑް' ސްކޭމްތައް ފާހަގަވެފައިވާރު އެންޓިސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ކަން ކުރަންވީގޮތް ހިއްސާކުރައްވާފައެވެ. މިފަދަ ސްކޭމްތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓަލާއި އެޕާޓްމަންޓް ބުކިންގ ހެދުމަށްފަހު، ސައްހަނޫން ފައިސާ ފޮނުވި ސްލިޕް ނުވަތަ ފޭކު ސްލިޕް ހިއްސާކޮށް، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ އަވަހަށް ފައިސާ އަނބުރާ ހޯދުމަށް އެދޭކަމަށެވެ. އެހެންކަމުން ފައިސާ ފޮނުވިކަމުގެ ސްލިޕަށް އެކަނި އިތުބާރު ނުކުރައްވައި ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕް މެދުވެރިކޮށް ޔަގީންކުރަން ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ކުއްލި އަވަސްކަމެއް ދެއްކި ނަމަވެސް، ތަނުގެ ރަސްމީ ރިފަންޑް އުސޫލާ އެއްގޮތަށް އަމަލުކުރެއްވުމަށްވެސް ފުލުހުން ވަނީ އިރުޝާދުދެއްވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަމަށް އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދެއްްވައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭކަމަށާ އޭއައި އަކީ ސްކޭމަރުން ބޭނުންކުރަންފަށާފައިވާ ވަސީލަތެއްކަން ފާހަގަކުރެވިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދެއްވައެވެ.
އަދި ސްކޭމްތަކުން ރައްކާތެރިވެތިބުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.