ޚަބަރު

މާލެ، ބުރިޖު އަދި ހައިވޭގައި 1355 އެކްސިޑެންޓް


  • ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓް

  • އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި

މާލޭ ހިމެނޭހެން ބުރިޖާއި ހައިވޭގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1،355 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ އަދިވެސް މުޖުތަމައުގައި އޮތް ކަންބޮޑުވުމެކެވެ.

ފުލުހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގެ އިތުރުން ބްރިޖާއި ހައިވޭގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1،355 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް، ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އަދި އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހިނގި 1،355 އެކްސިޑެންޓަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 226 އެކްސިޑެންޓް ހިނގާފައިވެއެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ، މިއީ އެވްރެޖްކޮށް ގާތްގަނޑަކަށް 7 އާއި 8 އާ ދެމެދުގެ އަދަދެއްގެ އެކްސިޑެންޓެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، އެންމެ މަދުން އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ މަހު ހިނގާފައިވަނީ 191 އެކްސިޑެންޓެވެ. މިއީ އެންމެ ގިނައިން އެކްސިޑެންޓް ހިނގި މަހާއި އެންމެ މަދުން އެކްސިޑެންޓް ހިނގި މަހާ ދެމެދު 62 އެކްސިޑެންޓުގެ ތަފާތެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މަހުން މަހަށް އެކްސިޑެންޓްތަކުގެ އަދަދު ބަދަލުވަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، ފެބްރުއަރީ މަހަށްފަހު މާރިޗު މަހު އެކްސިޑެންޓްތަކުގެ އަދަދު ވަނީ 45 އެކްސިޑެންޓް އިތުރުވެ، 236 އަށް އަރާފައިކަމަށެވެ. މިއީ %23.56 އިންސައްތައިގެ ގެ އިތުރުވުމެކެވެ. އޭގެ ފަހުން އައި ދެ މަހު ރެކޯޑުކުރެވިފައިވާ އަދަދުތައް ހުރީ ދާދި އެއްވަރެއްގައިކަމަށާއި އެގޮތުން އެޕްރީލް މަހު 232 އެކްސިޑެންޓް ރެކޯޑުކުރެވުނުއިރު، މޭ މަހު ރެކޯޑުކުރެވިފައިވަނީ 238 އެކްސިޑެންޓުކަމަށް ފުލުހުން ވިދާޅުވިއެވެ.

ޖޫން މަހު 205 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، މިއީ މޭ މަހާ އަޅާބަލާއިރު 33 އެކްސިޑެންޓް މަދު، އަދި ޖަނަވަރީ މަހާ އަޅާބަލާއިރު 48 އެކްސިޑެންޓް މަދު އަދަދެކެވެ. މުޅި ހަ މަސްދުވަހުގެ މުއްދަތާއި ޖަނަވަރީ މަހުގެ އަދަދުތަކާ އަޅާބަލާއިރު ޖޫން މަހުގެ އަދަދުތަކުން 18.97% ގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.

މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން ރެކޯޑުކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 1،322 މައްސަލައެއްގައި ލިބުނު އަނިޔާ ކުދި އަނިޔާގެ ގޮތުގައި ވަނީ ގިންތިކުރެވިފައެވެ. އަދި 31 މައްސަލައެއްގައި ލިބުނު އަނިޔާ ސީރިއަސް އަނިޔާގެ ގޮތުގައި ގިންތިކުރެވިފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެކްސިޑެންޓް ތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްތަކުގައި ގެއްލުން ލިބުނު އުޅަނދުތަކުގެ އަދަދަށް ބަލާއިރު، ޖުމްލަ 1،482 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

އުޅަނދުތަކަށް ލިބުނު ގެއްލުމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ނަގައިދެވިފައިވާ ފައިސާގެ ޖުމްލައަކީ 3،284،622 ދިވެހި ރުފިޔާ އެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547،437 ރުފިޔާއެވެ. އަދި ރެކޯޑުކުރެވުނު ކޮންމެ އެކްސިޑެންޓް މައްސަލައަކަށް 2،424.07 ރުފިޔާ، އަދި ގެއްލުން ލިބުނު ކޮންމެ އުޅަނދަކަށް ނިސްބަތުން 2،216.34 ރުފިޔާއެވެ. މި އެވްރެޖްތަކަކީ ހިސާބުގެ ނިސްބަތުން ބަހާލެވިފައިވާ އަދަދުތަކަކަށް ވުމާއެކު، މިއީ ހިނގި ކޮންމެ އެކްސިޑެންޓެއްގައި ނުވަތަ ގެއްލުން ލިބުނު ކޮންމެ އުޅަނދަކަށް ބަދަލުގެ ގޮތުގައި ފައިސާ ލިބުނުކަން އަންގައިދޭ އަދަދުތަކެއް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ.