ޚަބަރު

ލ. މާވަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މިއީ 61.46 މިލިއަން ރުފިޔާގެ މަޝްރޫޢެއް

  • މި މަޝްރޫޢުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކާނެ

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން 61.46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 16 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، ސޭންޑް ސާރޗް ސަރވޭ ހެދުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. މާވަށަށް ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުން ވަނީ އެރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބިން އިތުރަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށަށް ބިން އިތުރުކޮށްދެއްވާ، ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ.