ފައިނަލް މެޗެއްގައި ވާދަކުރަންޖެހޭ ކުޅުންތެރިއަކީ ވާދަވެރި، ބަލިކުރަން އުނދަގޫ ކުޅުންތެރިއަކަށް ވެއްޖެނަމަ އެ ކުޅުންތެރިއަކު ބަލިކޮށް ޗެމްޕިއަންކަން ހޯދުން އެއީ ތަފާތު އިހުސާސެއް ކުރުވާކަމެއް ކަމަށް، ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ކިޔާރާ އުސާމާ ޢަލީ ބުނެފިއެވެ.
މާލޭ ޓެނިސް ކޯޓުގައި މިދިޔަމަހުގެ 24 އިން މިމަހުގެ 4 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގެ އަންހެނުންގެ ސިންގަލްސްގެ ފައިނަލުގައި ކިޔާރާ ނުކުތީ އާއިޝަތު ކަރިން ސައިޒާންއާ ދެކޮޅަށެވެ. މި މެޗު ކިޔާރާ ކާމިޔާބުކުރީ 1-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު، 06-03 އިން ކަރިން ކާމިޔާބުކޮށްފައިވަނިކޮށް، ފަހަތުން އަރައި ފަހު ދެ ސެޓު 06-04 އަދި 04-01 އިން ކާމިޔާބުކުރީ ކިޔާރާއެވެ.
މުބާރާތުގެ ޖޫނިއާ އޯޕަންބައިގެ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ވެސް ކިޔާރާއެވެ.
މި ކާމިޔާބީއަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކިޔާރާ ބުނީ، ކުރި ބުރަ މަސައްކަތާއި އެތައް ދުވަހެއްގެ ތަމްރީނަށްފަހު، ވިދުންގަދަ ދެ "ޓްރޮފީ" ހިފަހައްޓާލައިގެން ހުއްޓި ހުންނަން ލިބުމުން ނުހަނު އުފާވާ ކަމަށެވެ.
ފައިނަލް މެޗުގައި ކަރިންއާ ދެކޮޅަށް ނުކުތް މެޗަކީ ވަރަށް ޗެލެންޖިން މެޗެއް ކަމަށާއި، އެފަދަ މެޗެއްގައި، ބަލިކުރަން އުނދަގޫ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ މޮޅުވެގެން ތަށި އުފުލާލަން ލިބުމަކީ މި ކާމިޔާބީއަށް އިތުރު ފުރިހަމަކަމެއް ގެނުވާކަމެއްކަމަށް ވެސް ކިޔާރާ ބުންޏެވެ.
"ކަރިން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިއީ ވަރަށް ބޮޑު އުފަލެއް ހަގީގަތުގައި، ޗެލެންޖިންގް މެޗެއްގައި، މޮޅު ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ މޮޅުވެގެން ތަށި އުފުލާލަން ލިބުން. އިތުރު ފުރިހަމަކަމެއް ކާމިޔާބީއަށް ގެނުވާ ކަހަލަ އިހުސާސެއް ކުރެވެނީ އެފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ މޮޅުވެވުނީމަ"، ޓެނިހުގެ ޒުވާން ތަރި ކިޔާރާ ބުންޏެވެ.
މާލޭ ޓެނިސް ކޯޓުގައި މިދިޔަމަހުގެ 24 އިން މިމަހުގެ 4 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި 11 ކެޓަގަރީއަކުން 110 ކުޅުންތެރިންވަނީ ވާދަކޮށްފައެވެ. ފޯރިގަދަ މެޗުތަކަކަށްފަހު އާދިއްތަދުވަހުގެ މުބާރާތް ނިންމާލާފައިވާއިރު، ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭ ޓެނިސް ކޯޓުގައެވެ.
ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ.
ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލް މެޗުތައް ފެނިގެންދިޔަ މިމުބާރާތުގައި 45 އަހަރުންމަތީގެ ކުޅުންތެރިންވެސްވަނީ ވާދަކޮށްފައެވެ. ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕަކީ، ބޭޒްވޯޓާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޓެނިސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.