ޚަބަރު

ކާރިސާތަކުން އަރައިގަތުމަށް މިދިޔަ އަހަރު 3.7 މިލިޔަން ރުފިޔާގެ އެހީ ދޫކުރި


  • މިދިޔަ އަހަރު ހާދިސާތަކުގެ 183 މައްސަލަ ރިޕޯޓުކޮށްފައިވޭ

  • ހާދިސާތަކުން 1450 މީހަކަށް އަސަރު ކޮށްފައިވޭ

  • 60 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވޭ

ކުއްލި ހާލަތުގައި ދިމާވާ ކާރިސާތަކާއި ހާދިސާތަކުން އަރައިގަތުމަށް ނިމިދިޔަ އަހަރު 3.7 މިލިޔަން ރުފިޔާ ހާދިސާގެ ޝިކާރައަކަށްވި ފަރާތްތަކަށް ދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުމްލަ 3،754،537.8 (ތިން މިލިޔަން ހަތްލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ތިރީސް ހަތް ރުފިޔާ އަށްޑިހަ ލާރި)ގެ އެހީ ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 51 ހާދިސާއަކާ ގުޅިގެން 281 ގޭބިސީއަކަށް ދީފައިވާ އެހީއެވެ.

އެންއެމްޑީއޭއިން އެހީ ދީފައިވަނީ ޖުމްލަ 3 ބާވަތެއްގެ ހާދިސާއާއި ކާރިސާތަކުން ގެއްލުން ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން އަލިފާނުގެ ހާދިސާތައް ހިނގައިގެން 26 ފަހަރު އެހީ ފޯރުކޮށްދީފައިވާއިރު، ފެން ބޮޑުވުމުގެ ހާދިސާތައް ހިނގައިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް 20 ފަހަރު އެހީ ފޯރުކޮށްދީފައިވެއެވެ. އަދި ވައި ގަދަވުމުގެ ހާދިސާ ހިނގައިގެންވެސް 5 ފަހަރު އެހީ ފޯރުކޮށްދީފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީއަށް ހާދިސާތަކާއި ކާރިސާތައް ހިނގައިގެން ޖުމްލަ 183 ފަހަރު ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މާލެއިން 61 ރިޕޯޓު ލިބިފައިވާއިރު ހުޅުމާލެއިން 17 ފަހަރު އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އަތޮޅުތެރޭން 105 ރިޕޯޓެއް ލިބިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޕޯޓު ކޮށްފައިވާ ހާދިސާތަކުގެ ބާވަތްތައް:

• ވިދާ ގުގުރުމުގެ 2 ހާދިސާ
• އުދަ އެރުމުގެ 6 ހާދިސާ
• ވައި ގަދަވުމުގެ 14 ހާދިސާ
• ވާރޭވެހި ފެންބޮޑުވުމުގެ 54 ހާދިސާ
• ކަނޑުމަތީގެ 2 ހާދިސާ
• ގޭސް އެކްސްޕްލޯޝަންގެ 9 ހާދިސާ
• އަލިފާނުގެ 95 ހާދިސާ
• އޭވިއޭޝަން އިންސިޑެންޓްގެ 1 ހާދިސާ

އެންޑީއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވާގޮތުގައި ހާދިސާތަކުގެ އަސަރު ޖުމްލަ 1450 މީހަކަށް ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު 60 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން އަންނަނީ ކޮންމެ އަހަރަކުވެސް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭ މިންގަނޑުގައި އޮންނަ ގޮތުން ގޭބިސީއަކަށް ލިބޭ ގެއްލުމަކުން އަރައިގަތުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ 150000 ރުފިޔާއެވެ. އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމަކުން އަރައިގަތުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ 80000 ރުފިޔާއެވެ.