ޚަބަރު

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަނީ


  • މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ސިޓީ ކައުންސިލް އަދި ރީޖަނަލް އެއަރޕޯޓްސް ގުޅިގެން

  • ޕްރޮޖެކްޓަށް އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

  • ޢަމާޒކީ އަހަރުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން

ފުވައްމުލައް ސިޓީގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ނިންމާ އެކަމާ ގުޅޭ މަސައްކަތްތައް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ފަތުރުވެރިކަމަށް ޚާއްސަ ޒޯން ތަރައްޤީކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލާ، ރީޖަނަލް އެއަރޕޯޓްސް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާޢީލް ރަފީޤްއެވެ. އަދި ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު މުބީންއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރ ވިދާޅުވީ، މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަޙައްދުން 12 ހެކްޓަރުގެ ބިމެއް ކަނޑައަޅައިގެންކަމަށެވެ. ރީޖަނަލް އެއަރޕޯޓާއެކު އެއްބަސްވެފައިވަނީ މި ބިން ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމާއި ޕްރޮޖެކްޓް ޑިޒައިންކުރުން އަދި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތްކުރުންކަމަށް އިސްމާޢީލް ރަފީޤް ވިދާޅުވިއެވެ. މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ.

އިސްމާޢީލް ރަފީޤް ވިދާޅުވީ ޕްރޮޖެކްޓްގައި ހިމަނައިގެން ފަތުރުވެރިންނަށް ކުއްޔަށް ދޫކުރާ ކޮޓަރިތައް ހެދުމާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަނަލް ޚިދުމަތްތައްވެސް ޤާއިމުކުރާނެކަމަށެވެ.

މި ޕްރޮޖެކްޓަށް އިންވެސްޓަރުން ހޯދުމާ ގުޅުންހުރި މަސައްކަތްތައް ފަށާފައިވާކަމަށް ފުވައްމުލައް ސިޓީގެ މެޔަރު ރަފީޤް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ އަމާޒަކީ މިއަހަރުގެ ފަހުކޮޅު ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފުވައްމުލައް ސިޓީގައި ފެށުންކަމަށެވެ.

ރަފީޤް ވިދާޅުވީ މިފަދަ މަޝްރޫޢުއެއް ފަށާއިރު ރަށުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްވެސް މަޝްވަރާތައް ކުރިއަށްދާކަމަށެވެ. ފްލައިޓްތައް އިތުރުކުރުމާއި ފަތުރުވެރިން އިތުރަށް ގެނެވޭނެ ގޮތްތައް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޖެޓު ޖެއްސޭ ފެންވަރަށް ފުވައްމުލަށް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ މަސައްކަތްތަކެއްވެސް މިއަހަރު ޖެނުއަރީ މަހު ރީޖަނަލް އެއަރޕޯޓްސްއާއި ގުޅިގެން ވަނީ ފަށާފައެވެ.

ގާތްގަނޑަކަށް 13000 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީއަކީ ގުދުރަތީގޮތުން ރާއްޖޭގައި އޮތް އެންމެ ތަފާތު އެއް އަތޮޅެވެ. ފުވައްމުލައް ސިޓީގެ ގުދުރަތީ ރީތިކަމާއި އެ ސަރަޙައްދުގައި އޮންނަ ޑައިވިން ޕޮއިންޓްތަކަކީވެސް ގިނަ ބައެއްގެ ސަމާލްކަން ލިބޭ ތަންތަނެވެ. އަދި އެންމެ ގިނަ ފަތުރުވެރިންވެސް ފުވައްމުލަކަށް ޒިޔާރަތްކުރަނީ މި ތަންތަން ބަލާލުމަށެވެ. ފުވައްމުލައް ސިޓީގައި މިހާރުވެސް 21 ގެސްޓްހައުސް ހިންގަމުން އާދެއެވެ.