ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވެގެންދާން ބޭނުން: ރައީސް


  • ބަންގްލަދޭޝްގެ 53 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވެވި

  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާން އެދިވަޑައިގަންނަވާކަމަށް ވިދާޅުވި

  • ރާއްޖެއިން ބަންގްލަދޭޝާއެކު ޚާރިޖީ ގުޅުން ޤާއިމުކުރީ 1978 ގައި

ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެހެން ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ބަންގްލަދޭޝްގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ 53 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައްޔިތުންނަށްވެސް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.