ޚަބަރު

ޖަޕާނުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް


  • އެހީތެރިކަން ފޯރުކޮށްދީފައިވަނީ މައިގަނޑު 2 ދާއިރާއަކަށް

  • ކަސްޓަމްސްއަށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުން ހިމެނޭ

  • ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް 4.32 މިލިއަން ޑޮލަރުގެ އެހީއެއް

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

މި އެހީ އާއި ގުޅޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

ޖަޕާނުން ރާއްޖެއަށް ދިން އެހީގެ ތަފްސީލް:

* ކަސްޓަމްސްއިން ޕެޓްރޯލްކުރުމަށް އުޅަނދު ހަދިޔާކުރުމާއި މެރިޓައިމް ސޭފްޓީއާއި ސެކިއުރިޓީގެ ދާއިރާ ކުރިއެރުވުމަށް 260 މިލިއަން ޔެން ނުވަތަ 1.87 މިލިއަން ޑޮލަރު
* އުޅަނދުތަކަށް ބޭނުންވާ ސާމާނު ގަތުމަށް 56 މިލިއަން ޔެން ނުވަތަ 403ހާސް ޑޮލަރު
* ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްކަށް 600 މިލިއަން ޔެން ނުވަތަ 4.32 މިލިއަން ޑޮލަރު

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު ހަމަޖެހުނު އެހީގެތެރެއިން ރާއްޖެއިން ކާރިސާތަކަށް ތައްޔާރުވުމަށްވެސް އެހީތެރިވެދޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ފެން ބޮޑުވުން ފަދަ ހާދިސާތަކަށް ވޯޓާ ޕަމްޕު ހަދިޔާކުރުން މިއެހީގައި ހިމެނޭ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްވެސް މިއެހީގެ ދަށުން ވަނީ އެހީތެރިކަން ލިބިފައި،" ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ޖަޕާނުން މިފާއިތުވި 56 އަހަރުތެރޭ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއެހީގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެކަމަށް ޚާއްސަ އުޅަނދެއް ހަދިޔާކުރުން ހިމެނޭ ކަމަށެވެ. އަދި މިއުޅަނދަށް ބޭނުންވާ އެންމެ ޒަމާނީ އާލަތްތަވެސް މިއެހީގެ ދަށުން ހަދިޔާ ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށްވާއިރު، މިސަރަހައްދު ބެލެހެއްޓުމަކީ މުހިންމުކަމެއް، މިއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމެއް، މިކަމަށް އެހީވުމަށް 25 މީޓަރުގެ އުޅަނދަކާއި، އެއަށް ބޭނުންވާ ސަމާނު ކަސްޓަމްސްއަށް ދިނުމަށް މިވަނީ ނިންމާފައި،" ސަފީރު ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލީ ވުޒާރާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.