ޚަބަރު

އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުންގެ ދައުރާމެދު ފަޚުރުވެރިވޭ: ރައީސްގެ އަނބިކަނބަލުން


  • އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެނޭ

  • އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، ބައިވެރިވުން މުހިންމު

ޤައުމުގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާ ކުރާ ދައުރާމެދު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، ބައިވެރިވުމާއި، އެ ފުލުހުންގެ އިސްކަން ވަރަށް މުހިންމުކަމަށް ވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ޤާބިލުކަން އިތުރުވި ވަރަކަށް މުޖުތަމަޢުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ޙައްލު ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތުލީ ނިއުސް ލެޓަރ' ގެ "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް އިފުތިތާޙުކޮށްދެއްވާފައެވެ. މިއީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.

މި ހަފުލާގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ވަނީ ގެނެސްފައިވެއެވެ. އަލްމަރުޙޫމް މުޙައްމަދު ޒިޔާދު ކުއްލިގޮތަކަށް އަވަހާރަވީ އާދީއްތަ ދުވަހުއެވެ. އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.