ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަވާނެ: މެޓް


  • ބޮޑު ސަރަޙައްދަކަށް ވަނީ ޔެލޯ އެލަރޓް ނެރެފައި

  • މިއީ ދެ މޫސުން ބެދޭ ވިއްސާރަ

  • ކަނޑުތައްވެސް ކޮންމެވެސް ވަރަކަށް ގަދަވާނެ

ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކެރީގެ އަސަރުކޮށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މުސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުގެ ވިއްސާރަކަށެވެ.

މިވަގުތުވެސް ރާއްޖޭގެ 4 އަތޮޅެއް ފިޔަވާ ހުރިހާ ހިސާބުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިރޭގެ 21:30އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅައަށް ޔެލޯ އެލަރޓް ނެރެފައިވާއިރު، މިރޭގެ 22:30އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.
މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

މިއަދު ހަވީރުން ފަށައިގެން މާލެއަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މިވަގުތު ކުރަމުންދާ ވިއްސާރަ އިތުރު 3 ދުވަހަށް ދެމިގެން ހިންގައިދާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައްވެސް ކުރިއަށް އޮތް 24 ގަޑިއިރު ކޮންމެވެސް ވަރަކަށް ގަދަވާނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ރާޅުގެ އުސްމިން އުޅެނީ 1 ފޫޓާ 5 ފޫޓާ ދެމެދުއެވެ. ވައި ޖެހެނީ 3 މޭލާ 18 މޭލާ ދެމެދުއެވެ. ވައި މަޑުކޮށް އުޅޭތީ އުދައިގެ އަސަރު ކޮށްފަނެކަމަށް ނުބެލެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދަރާއިން ވިދާޅުވެއެވެ.