މުނިފޫހިފިލުވުން

ވާހަކަ: ހުޅުކޮޅު


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ:ފާޠުމަތު އީމާ އަޙްމަދު

  • ހުށަހެޅުއްވީ: ޙަނާން އިބްރާހީމް،ސޭވް/ޅ.ހިންނަވަރު

  • އޮންއެއާރކުރި ދުވަސް: 19.03.2024

ނޯތު ހާބަރު ތޮށްޓަށް ބޯޓު ކައިރިކުރުމާއިއެކު ކޮނޑުގައި ދަބަހެއް އަޅުވާލައިގެން މަޑު ހިނގުމެއްގައި އަންހެން ކުއްޖަކު ބޯޓުންފޭބިއެވެ. ގަޔަށް ދޫ ފެހިކުލައިގެ އަރިފެޅި ހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެއް ލައިގެން ހުރިއިރު އެ އަންހެން ކުއްޖާ ފެންނަނީ ވަރަށް ސާދާކޮށެވެ. ބަލާބެލުމަށް 17 އަހަރުގެ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުވަނީ ފަހަތަށް ވޫލުޖަހާ ރަނގަޅަށް ހިފެހައްޓާލެވިފައެވެ. ހަށިގަނޑުގެ ކުލަ އަލިނޫނަސް އޭނާގެ ލޮލުގެ ޖާދޫގައި ކޮންމެ މީހަކުވެސް ޖެހިގެންދާނެހާ އެ ދެ ލޯ ފުރިހަމައެވެ. ވިލުނޫކުލައިގެ ބޮޑު އެ ދެލޮލުން ފެންނަމުން ދަނީ ބީރައްޓެހި ކަމެވެ.

"އަނީޝާ.." ތަންކޮޅެއް ދުރުގައި އޮތް ކާރެއްގެ ކައިރީހުރި ފިރެހެނަކު އަނީޝާއަށް ގޮވާލުމުން އޭނާއެދިމާލަށް ހިނގައިގަތެވެ. އަނީޝާ ބަލާ ވަފިއްޔާ ފޮނުވި މީހެއްކަމަށް ބުނުމަށްފަހު އަނީޝާ އެރުމަށް ކާރުގެ ދޮރުހުޅުވާލަދިނެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ކާރުއްވަމުން ދިޔައިރު އަނިޝާ ގެ ނަޒަރު އެކި ދިމާލަށް ހުއްޓެމުންދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް މާލެ އައިސްފައި ނުވާ އަނީޝާ އަށް މާލެއިން ފެންނަމުން ދިޔަ ކޮންމެ މަންޒަރެއްވެސް ވަމުންދިޔައީ ވަރަށް އާދަޔާ ހިލާފު މަންޒަރުތަކަކަށެވެ. ބުރި ބުރިއަށް ހިއްލާފައިވާ އުސް އިމާރާތްތަކާއި ބާރު ބޮޑު މަގުތައްވީ އަނީޝާއަށް މުޅިން އާ މަންޒަރުތަކަކަށެވެ.

ފަސް ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ބޮޑު ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. ކާރުން ފޭބި އަނީޝާގެ ދެލޯ ބޮޑުކޮށްލައިގެން އެގަނޑުވަރެއް ފަދަ ގެއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަން އޭނާއަށް ހުރެވުނެވެ. ބޮޑު

ދޮރާށްޓެއްލާފައި ހުރިއިރު އެ ގެ ހީވަނީ ރަސްކަލެއްގެ ގަނޑުވަރުކޮޅެއްހެންނެވެ. ދޮރުކައިރީގައި ދެ ފާރަވެރިން ތިއްބެވެ. އަނީޝާ މަޑުމަޑުން ދޮރާއި ކައިރިވެލުމުން އެމީހުން ދޮރުހުޅުވާލަދިނެވެ.

ގެއަށް ވަދެގެންދިޔަ އަނީޝާއަށް މުޅިތަން ހޯދާބެލެނީއެވެ. އެގޭގެ ފުރިހަމަކަމުންނެވެ. ގެއަށް ވަދެގެން ދާއިރު ދެފަޅީގައި ހައްދާފައިވާ މާބަގީޗާގައި ފޮޅިފައިވާ މާމެލާމެލީގެ ވަހުން މުޅިތަން ވަނީ އެއްވަސްކުރުވާފައެވެ. ވަކި ހިސާބަކަށް ދެވޭއިރު ބޮޑު މަސްފެންގަނޑެއް ފެންނަން ހުއްޓެވެ. އަބަދުވެސް ފެން އޮހޮރޭނެހެން ހަދާފައިވާ އެ މަސްފެންގަނޑުން ތަނުގެ ހަމަ ހިމޭންކަން ވަނީ ގެއްލިފައެވެ.

ގޭތެރެއަށް ވަދެވުމާއިއެކު އަނީޝާ އާޝޯހުވިއެވެ. އެހާ ފުރިހަމަ ގެއެއް މީގެ ކުރިން އަނީޝާއަށް ހުވަފެނުންވެސް ފެނިފައެއް ނުވެއެވެ. އަގުބޮޑެތި އަދި އެހާމެ ރީތި ފަރުނީޗަރުތަކުން ގޭތެރެ ވަނީ ޒީނަތްތެރިކުރެވިފައެވެ. 3 ބުރިޔަށް ނަގާފައިވާ އެގޭގެ ޖާގަ ތަނަވަހެވެ. "އަނީޝާ އައީދޯ؟.." ތަންކޮޅެއް ދުރުން އިވުނީ މެދު އުމުރުފުރައިގެ އަންހެނެއްގެ އަޑެވެ. "ވަފިއްޔާއްތަ އޭމީ..."ވަފިއްޔާ އަނީޝާއަށް ބަލާލަމުން ބުންޏެވެ.

ވަފިއްޔާ ނޯކަރަކަށް ގޮވާލުމަށްފަހު އަނީޝާ އަށް ކޮޓަރި ދައްކާލަން ބުންޏެވެ.މާގިނަ އިރުތަކެއް ނުވެ ބިދޭސީ އަންހެނެއް އެތަނަށް އައެވެ. އަދި އަނީޝާ އަށް އޭނާއާއި އެކު އައުމަށް ބުންޏެވެ.

ކޮޓަރިއާއި ހިސާބަށް އާދެވެންވީއިރަށް އަނީޝާއަށް މިލީއަކީ އެގޭގައި ގެންގުޅޭ މީހާކަންއެނގެވަރުވިއެވެ. ކޮޓަރީގެ ތަޅުދަނޑި އަނީޝާއާއި ހަވާލު ކުރުމަށްފަހު މިލީ އެނބުރި އޭނާގެ މަސައްކަތަށް ދިޔައެވެ. އަނީޝާވެސް ކޮޓަރިއަށް ވަދެ އެނދުމަތީގައި ދަބަސް ބޭއްވުމަށްފަހު އެ ތަނަށް ނަޒަރު ހިންގާލިއެވެ. އެތަނުގައި މަދު އެއްޗެއް ނެތެވެ. ބޮޑު އެނދަކާއި އަލަމާރި އެއް ހުއްޓެވެ. ކޮޓަރީގެ ކަނެއްގައި ރީތިވާ މޭޒެއް ހުރި އިރު ކޮޓަރީގެ ޖާގަ ތަނަވަހެވެ. ފަންކާގެ އިތުރުން އޭސީވެސް ހުއްޓެވެ. ދޮރުމަތީގައި އޮތް ބޮޑު ބަގީޗާ ފެންނާނެހެން ބެލްކަންޏެއްވެސް ހުއްޓެވެ.

ދަތުރު ކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ރީތިވާ ލޯގަނޑު ކުރިމަތީގައި ހުރި އަނީޝާ އަށް މީ ވަރަށް މޮޅު ދިރިއުޅުމެކެވެ. ރަށުން ފިލައިގެން އޭނާ އައީ މިކަހަލަ ހިތްހަމަ ޖެހޭ ދިރިއުޅުމެއް ލިބޭނެ ކަމަކަށް ނޫނެވެ. ދޮންބައްޕަ ގެ ފަރާތުން ލިބެމުން ދިޔަ ގެވެށި އަނިޔާ ތަކުން ސަލާމަތް ވުމަށްޓަކައެވެ. އޭގެ ބަދަލުގައި ކޮންމެ ހާލެއްގައި އުޅެންޖެހުނަސް އެކަމަށް ތައްޔާރުވެގެންނެވެ.

ކޮޓަރީގެ ބޮކިތައް ނިއްވާލުމަށްފަހު އަނީޝާ އެނދުގައި އޮށޯވެލިއެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން އަނީޝާ އަށް ނިދޭކަށް މާގިނަ އިރުތަކެއްނުވިއެވެ.

ސިއްސައިގެންގޮސް އަނީޝާ އަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމަށްފަހު އަނީޝާއަށް ގޮވާލި އަޑު އިވުނެވެ. އެއީ މިލީގެ އަޑެވެ. އަވަސް ފިޔަވަޅުތަކުގައި ގޮސް އަނީޝާ ދޮރުހުޅުވާލިއެވެ. ކާން އައުމަށް ބުނުމަށްފަހު މިލީ ބޭރުގައި މަޑުކޮށްލީ އަނީޝާ އާއި އެކު ތިރިއަށް ދިޔުމަށެވެ. އަނީޝާވެސް އަތްމަތި އަވަސް ކޮށްލައިގެން ބޭރަށް ނިކުތެވެ. ބަނޑުހައިވެފައި ހުރިވަރުވެސް އަނީޝާއަށް ރެޔަކާލީ ދެނެވެ. ވަރުބަލިވެފައި ހުރިވަރުން އޭނާ އަށް މާގިނަ އިރު ނިދުނީއެވެ.

ކާމޭޒުމަތީގައި ތަފާތު ވައްތަރުގެ ކާބޯތަކެތި އަތުރާލާފައި ހުއްޓެވެ. ވަފިއްޔާ މެން ކެއީތޯ އަނީޝާ މިލީގެ ކައިރީ އަހާލިއެވެ. ޖަވާބުގައި ބޯޖަހާލުމަށްފަހު އަނީޝާ އަށް ތަށި ދިއްކޮށްލިއެވެ.

ކައިނިމުމުން ތަށިތައް ނަގާ މޭޒުމަތި ސާފުކުރުމުގައި އަނީޝާ މިލީ އަށް އެހީތެރިވިއެވެ. އަދި މާދަމާ ގެ ހެނދުނުގެ ސަޔަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހަމައަށް ހުރިތޯވެސް ބަލާ މާދަމާގެ ޝެޑިއުލް ރާވާލިއެވެ.

ގަދަ ނިދީގައި އޮތް އަނީޝާއަށް ހޭލެވުނީ އެނދުކައިރީގައި ހުރި މޭޒުމަތީގައި ހުރި ސޯނާ ގަޑި އެލާމްވާ އަޑަށެވެ. ލޯއުނގުޅަމުން ތެދުވެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. ގަޑިން ފަތިހު ފަހެއް ޖެހީއެވެ. ބަންގި ގޮވަން މާ ގިނަ އިރުތަކެއް ނެތުމުން އަނީޝާ އަވަހަށް އެނދުން ތެދުވެގެން ފާހަނާ އަށް ވަނެވެ. އޭނާ އަށް ފާހަނާއިން ނިކުމެވުނު އިރު ބަންގި ގޮވައިފިއެވެ. ނަމާދު ކޮށްލައިގެން އަނީޝާ ނިކުތީ ސައިތައްޔާރުކުރުމަށެވެ. އޭރު މިލީވެސް

ބަދިގޭގައި އުޅެއެވެ. އަނީޝާއަށް ދެވުނު އިރު މިލީ ހުރީ ކޮފީވެސް ގިރާފައެވެ. އައިސްއަލަމާރިން ތޮރާ ކޮތަޅު ނަގައިގެން އަނީޝާވެސް މޭޒު ކައިރީ އިއްތާލިއެވެ.

ސައިގެ ކަންކަން ނިމުނު އިރުވެސް ގޭތެރެއިން ވަފިއްޔާ ނޫން އިތުރު މީހެއްގެ ހިލަމެއްނުވެއެވެ.

ގަޑިން 11 ޖެހިއިރު މެންދުރަށް ކެއްކުމުގެ ހުރިހާ ކަމެއްވެސް ވަނީ ނިމިފައެވެ. އަނީޝާވެސް ފޫހިވާވަރުން މިލީއާއިއެކު ކޮޓަރިތައް ސާފުކުރަންފެށިއެވެ. ވަފިއްޔާގެ ދަރިފުޅުގެ ކޮޓަރިއަށް އަނީޝާ މިސްރާބުޖެހީ މިލީ އެހެން ހުރިހާ ކޮޓަރިއެއް ސާފުކޮށްފައި ހުރުމުންނެވެ.

އަނީޝާއަށް އެކޮޓަރިއަށް ވަދެވުނު އިރު މުޅި ކޮޓަރިތެރެ ވަނީ އެފުށްމިފުށަށް ޖަހާލާފައެވެ. އެނދުމަތީގައި ފޮތްތަކާއި ގަމީސްތައް އުކާލާފައި އޮތެވެ. ކޮޓަރިތެރެ ފޮޅާލުމަށްފަހު އަނީޝާ އެނދުގެ ތަންމަތިއަޅަންފެށިއެވެ. ފަހަތުން މީހެއްގެ ހިލަމެއްވީހެން ހީވެގެން އަނީޝާ ސިއްސައިގެންގޮސް ތެޅިގަނެވުނު ވަގުތު އޭނާ އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. ބޭއިޙުތިޔާރުގައި އޭނާ އަށް ލޯމަރާލައި ބާރުކޮށްލެވުނެވެ. އެވަގުތު ބާރުގަދަ ދެއަތުން އަނީޝާގެ މެދުހަށީގައި ހިފަހައްޓާ ބާރުކޮށްލިއެވެ.

އަނީޝާއަށް ލޯހުޅުވާލެވުނު އިރު އޭނާއާއި ނުހަނު ގާތުގައި ޒުވާން ފިރެހެނެއް ހުއްޓެވެ. އަޅައިގަންނަ ކަހަލަ ކިތައްމެ ސިފައެއް އުޒުވާނާގެ ގައިގާ އެބަހުއްޓެވެ. ކަނދުރާއާއި ހިސާބަށް ދިގުކޮށްލެވިފައިވާ ފަން ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ޗޮކުލެޓު ކުލައިގެ އެ ރީތި ދެލޮލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ލޮލުގެ ވަށައިގެންވާ ދިގު އިސްފިޔަތަކުންނެވެ. އެ ޒުވާނާވެސް ކަޅިޖަހާނުލާ އަނީޝާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ.

"ސޮރީ..." ހަށިގަނޑުދަމާލަމުން އަނީޝާ އެ ޒުވާނާ ކައިރިން މަޢާފަށް އެދުނެވެ. "މިކަހަލަ ކަޓު ކުއްޖެއް ނޫނިއްޔާ ގެއަށް ގެންނާކަށް މަންމަ އަކަށް ނޭނގޭނެ.." ޗޮކެއް ކަނޑާލަމުން އެ ޒުވާނާ ބުނި އެއްޗަކުން އަނީޝާގެ މުޅި ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އިތުރަށް އަނީޝާ އަށް ބަލާވެސް ނުލާ ރީތިވާ މޭޒުމަތީ އޮތް ތަޅުދަނޑިއެއް ހިފައިގެން އެޒުވާނާ ކޮޓަރިންނިކުތެވެ.

ކޮޓަރިތެރެ ސާފުކޮށް ނިމުނު އިރު އަނީޝާ ހުރީ ވަރުބަލިވެފައެވެ. އެއްވެސް ތަރުތީބުކަމެއް ނުހުންނަ އެޒުވާނާގެ ކޮޓަރިތެރެ މިހާރު ބަލާލަން ކެރެއެވެ.

"ނިމުނީ ދޯ.." ބޭރުން އިވުނީ ވަފިއްޔާގެ އަޑެވެ. އަނީޝާ ބޯޖަހާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ބަދިގެ އަށް ދެވުނު އިރު ކާން ތައްޔާރުކުރުމުގައި މިލީ އުޅެއެވެ. މިލީ ކައިރިން އިނގުނު ގޮތިގައި އަނީޝާ އާއި ކޮޓަރިތެރެއިން ދިމާވި ޒުވާނާއަކީ އަޒިއެލް އެވެ. ވަފިއްޔާގެ ހުރި ހަމައެކަނި ދަރިއެވެ. އަޒިއެލްގެ އުޅުން އަބަދުވެސް ހުންނަނީ އެހެން ކަމަށް ބުނެ މިލީ އަނީޝާގެ ހިތްހަމަޖައްސާލަދެވޭތޯ މަސައްކަތްކުރިއެވެ.

ރޭގަނޑުގެ ކެއުމުގެ ކަންކަން ނިމުނުއިރުވެސް ހެނދުނު ގެއިން ނިކުމެގެންދިޔަ އަޒިއެލް ގެއަކަށްނާދެއެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހަމައަށް ހުރިތޯ ބެލުމަށްފަހު އަނީޝާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު މިލީވެސް އޭނާގެ ކޮޓަރިއަށް ގޮއްސިއެވެ.

ގެއާއި ޖެހިގެން ހުރި މިސްކިތުން ފަތިސް ނަމާދުގެ ބަންގިގޮވަމުންދިޔައެވެ. ގަދަ ނިދީގައި އޮތް އަނީޝާއަށް ނިދިން ހޭލެވުނީ އެވަގުތެވެ. މަޑު މަޑުން ތެދުވެ އެނދުގައި އިށީންދެލީ ލޮލުގައި ނިދީގެ އަސަރު ހުރުމުންނެވެ.

ފަތިސް ނަމާދުކޮށްލައިގެން އަނީޝާ އަށް ނިކުމެވުނުއިރު ގޭތެރޭގައި އައްވެސް މީހެއްގެ ހިލަމެއްނެތެވެ. މިލީވެސް އޭރު ނުނިކުމެއެވެ. އެހެންކަމުން އަނީޝާ ބެލީ މިލީ އައުމުގެ ކުރިން ރޮށިފިހަން ތައްޔާރުކުރެވޭތޯއެވެ. އަނީޝާ އަށް ފުށްގަނޑުވެސް ނުމޮޑެވެނީސް މިލީ އައިއްސިއެވެ. ދެމީހުން ބަހާލައިގެން ސައިގެ ކަންކަން ނިންމާލެވެން މާގިނަ އިރުތަކެއް

ނުނެގިއެވެ.

ސައިބޯން ކާކޮޓަރިއަށް އައި ވަފިއްޔާގެ ފަހަތުން އަޒިއެލްވެސް އައެވެ. ސައިބޯން މޭޒުކައިރީގައި އިން އަޒިއެލްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.ކޮންމެސް ކަންތައް ގަނޑެއް ދިމާވެއްޖެކަން އަޒިއެލްގެ މޫނުމަތިން ސާފުވާންހުއްޓެވެ.

ސައިބޮއެ ނިމިގެން އެއްމެ މިނެޓެއްވެސް އެތާ މަޑުނުކޮށް އަޒިއެލް ގެއިން ނިކުމެގެންގޮއްސިއެވެ. އަނީޝާވެސް އަޒިއެލްގެ ކޮޓަރި ސާފުކުރަންދިޔައީ އެވަގުތެވެ. ވަގުތުގެ ބޭނުން ހިފަމުން މިލީ ވަފިއްޔާއާއި ވާހަކަދައްކަންފެށިއެވެ. މިފަހަކަށް އައިސް އަޒިއެލްގެ އުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ މިލީ ވަފިއްޔާއަށް ކިޔައިދިނެވެ. ވަފިއްޔާ އެއްވެސް އެއްޗެއް ނުބުނެ އިނުމުން އެކަންކަން ވަފިއްޔާއަށްވެސް ފާހަގަވެފައިވާކަން މިލީގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

އިރުގަނޑަކު ހިމޭނުން އިނުމަށްފަހު އަޒިއެލްގެ އުޅުމަށް އަންނަމުންދާ ބަދަލުގެ އަސްލު ހަގީގަތް ވަފިއްޔާ މިލީ އަށް އޮޅުންފިލުވައިދިނެވެ. އަނީޝާ އާއި މެދު ވަފިއްޔާ ހިތުގައި އޮތް ލޮއެއްބާއި އަޒިއެލްގެ ދިރިއުޅުމުގެ ބައިވެރިއަކަށް އަނީޝާ ނޫން އިތުރު ކުއްޖެއް ގެންނަން ވަފިއްޔާ ބޭނުންނުވާ ވާހަކަވެސް ވަފިއްޔާ މިލީ އާއި ހިއްސާކުރިއެވެ. ވަފިއްޔާގެ ހިތުގައި އޮތް އެއްޗެއް އިގުމުން މިލީވެސް ހުރީ ހައިރާންވެފައެވެ. އިއްޔެ ގެއަށް ގެންގުޅެން ގެނައި ކުއްޖެއް ވަފިއްޔާއަށް އެހާ ކަމުދިޔަ ސަބަބެއް މިލީ އަކަށް ނުވިސްނުނެވެ.ވަފިއްޔާ ކިޔައިދިން ގޮތުގައި އަނީޝާ ދިރިއުޅޭ ރަށަށް މީގެ 2 އަހަރު ކުރިން ކުރި ދަތުރެއްގައި ވަފިއްޔާ އަށް އަނީޝާ ފެނިފައިވެއެވެ. އޭރު އެކަހަލަ ވާހަކަ އެއް ނުދެއްކީ އަނީޝާ އަކީވެސް ކުޑަކުއްޖަކަށްވެފައި އަނީޝާ އާއި ބެހޭ މާބޮޑު މައުލޫމާތެއްވެސް ލިބިފައިނުވާތީއެވެ. އޭގެފަހުން އަނީޝާ ގެ މަންމަ ދެވަނަ ކައިވެންޏެއްކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުމުން ވަރަށް އުނދަގުލުން އަނީޝާ އާއި ބެހޭ މައުލޫމާތު ހޯދައިގެން މީހަކު މެދުވެރިކޮށް އަނީޝާ އާއި ވާހަކަދެއްކީކަމަށްވެސް ބުންޏެވެ. އަނީޝާ އާއި ބެހޭގޮތުން ވަފިއްޔާއަށް ނުހޯދުނު ހަމައެކަނި މައުލޫމާތަކީ އޭނާގެ ދޮންބައްޕަގެ މައުލޫމާތެވެ..ވަފިއްޔާގެ ވާހަކަތައް އަޑުއަހަން ހުރި މިލީ އަށް އަހާލެވުނީ އަނީޝާ އެކައިވަންޏަށް ރުހޭނެތޯއެވެ. އެ ސުވާލަށް ވަފިއްޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

ބަދިގެއިން ނިކުން މިލީ އަށް އަނީޝާ ފެނުނީ އެވަގުތެވެ. ވަފިއްޔާ އެއްޗެއް ބުނަން އުޅޭހެން ހީވެގެން މިލީ އަނީޝާ އަށް ގޮވާލީ ވަފިއްޔާއަށް އަނީޝާ ހުރިކަން އަންގާލުމުގެ ގޮތުންނެވެ. ނަމަވެސް އަނީޝާގެ ޅަ ސިކުނޑިއަކަށް އެކަން ނަގައެއްނުގަނެވުނެވެ.

ދަންވަރުގެ ވަގުތެވެ. ކޮޓަރީގެ ބެލްކަނީގައި ހުރި އަނީޝާގެ ލޮލުގައި ނިންޖެއްނެތެވެ.އަޒިއެލްގެ ހަނދާންތަކުން އޭނާއަށް އުނދަގޫކުރަނީއެވެ. އަޒިއެލް އަކީ އަބަދުވެސް އެހާ ރުޅިގަދަ ރުންކުރު ކުއްޖެއްބާއޭ އޭނާގެ ހިތަށް އަރަނީއެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އަޒިއެލްގެ ހިތުގައި އަނީޝާ އަށްޓަކައިވީ ނަފުރަތާއި ރުޅިވެރިކަންކަން އަނީޝާ އަށް އަޒިއެލްގެ ރަހުމުކުޑަ ބަސްތަކުންވަނީ ބުނެދީފައެވެ. އަޒިއެލް އާއި ދޭތެރޭ ވިސްނަން ބޭނުން ނުވިނަމަވެސް އަނީޝާ އަށް ވިސްނެނީއެވެ.

ފޯނުން މަޑުމައިތިރި ލަވައެއް ޖަހާލައިގެން އެލަވައާއި އެއްވަރަށް ތުންފަތް ހަރަކާތްކުރަމުން އަޒިއެލް އޭނާގެ ކޮޓަރީގެ ބެލްކަންޏަށް ނިކުތީ އެވަގުތެވެ. ސޯޓު ބުރިއެއް އެކަނި ލައިގެން ހުރި އަޒިއެލް ގެ ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ.

އެއްލާލި ކަޅިއަކުން ޖެހިގެން ހުރި ކޮޓަރީގެ ބެލްކަނީގައި ހުރި އަނީޝާ އަޒިއެލްގެ ލޮލުގައި އަޅައިގަތެވެ. މީގެ ކުރިން އަބަދުވެސް ގަޔަށް ދޫ ބޮޑެތި ހެދުން ލައިގެން ހުންނަ އަނީޝާ ޓީޝާޓެއްގައި ހުއްޓާފެނުމުން އަޒިއެލްގެ ހިތައް ފުންއަސްރުތަކެއް ކުރުވިއެވެ. ބޭއިޙުތިޔާރުގައި ކަޅިވެސްޖަހާނުލާ އަނީޝާ އާއި ދިމާލަށް ބަލަހައްޓައިގެން އަޒިއެލް އަށް ހުރެވުނީއެވެ. އެފުރިހަމަ ހަށިގަނޑު ފެނިފައި އަޒިއެލްގެ ހިތް އަނީޝާއަށްޓަކައި ތެޅެން ފެށިކަހަލައެވެ. އަބަދުވެސް ހުޅިޖަހާ ހައްޔަރުކުރެވިފައިވާ އެ އިސްތަށިގަނޑު މިރޭ ވަނީ ވައިގެތެރެއަށް ދޫކޮށްލެވިފައެވެ. ޖެހެމުން ދިޔަ މަޑު މަޑު ވައިރޯޅިތައް އައިސް އަނީޝާގެ އިސްތަށިގަނޑާއި ސަމާސާ ކުރަމުންދިޔައެވެ. ހަނދުވަރުގެ އަލި އެޅިފައިވާއިރު އަނީޝާގެ އެތުނި ބައްޓަމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.

އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު އަނީޝާ އެނބުރި ކޮޓަރިއަށްވަނެވެ. ބެލްކަނީގެ ދޮރު ރަނގަޅަށް ލައްޕާލުމަށްފަހު އެނދުގައި އޮށޯވެލާ ލޯމަރާލިއެވެ. މާގިނަ އިރުތަކެއްނުވެ އަނީޝާ އަށް ނިދިޖެހިއްޖެއެވެ.

ބަދިގެ ތެރޭގައި ސައިހަދަން އުޅުނު މިލީ އަށް ވިސްނެމުންދިޔައީ ވަފިއްޔާ ދެއްކި ވާހަކަތަކާއި ދޭތެރޭގައެވެ. އަޒިއެލްއާއި އަނީޝާ އާއި ނުވެސް ގުޅެޔޭ އޭނާގެ ހިތަށް އެރިއެވެ. އަޒިއެލްގެ ހުންނަ ރުންކުރުގޮތް ގަނޑު މިލީ އަށް ކަމުނުދަނީއެވެ. އަނީޝާ ފަދަ ބަސްއަހާ މަޑުމައިތިރި ކުއްޖަކަށް އަޒިއެލްފަދަ ކުއްޖަކު އެކަށީގެންނުވާނެ ކަމަށް މިލީ ގެ ހިތްބުނަނީއެވެ.

ލޯއުނގުޅަމުން ސިޑިން ފައިބައިގެން އައި އަނީޝާ އަށް ހިޔާލަކަށް ގެއްލިފައި ހުރި މިލީ ފެނުނެވެ. މަޑު ހިނގުމެއްގައި މިލީގެ ކައިރިއަށް ގޮސް ހުއްޓާލުމަށްފަހު އޭނާ މިލީގެ ގައިގާ ކޮށްޓާލިއެވެ. އަނީޝާ އުއްމީދުކުރި ގޮތަށް މިލީ ދިޔައީ ސިއްސައިގެންނެވެ.މޫނުމަތިން ހާސްކަން ފޮރުވަމުން މިލީ ހިނިތުންވެލިއެވެ.

އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ގޭތެރެ ފެންނަމުންދިޔައީ ހަމަހިމޭންކޮށެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅުނު ވަގުތުވެސް މިލީ ވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ސައިބޯން ތިބި ވަގުތުވެސް އަޒިއެލްއާއި ވަފިއްޔާ އާއި ދެމެދުވެސް ވީ ހަމަހިމޭންކަމެވެ.

އާދުވަހަކަށް އިރުއެރިއެވެ. އާދައިގެ މަތިން ދުވަހަގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމަ ކަމާއިއެކު ކުރެވެމުންދިޔައެވެ.

މެންދުރުގެ ކެއުމުގެ ކަންކަން ދަނީ ރަނގަޅަށްތޯ ބަލާލުމުގެ ބޭނުމުގައި ކާކޮޓަރިއަށް ވައިން އަނީޝާ އަށް ލިބުނީ ހައިރާންކަމެކެވެ. މީގެ ކުރިން މެންދުރު ކާ ގަޑީގައި ގެއިން ނުފެންނަ އަޒިއެލް ކާން އިނުމުންނެވެ. އަނީޝާ ފެނުމުން އަޒިއެލް މޫނު ކުނިކޮށްލިގޮތް ފެނިފައި އަނީޝާ އަށް އިސްޖަހާލެވުނެވެ.މީހަކަށް އަންގަން ބޭނުން ނުވިނަމަވެސް އެއްވެސް ސަބަބަކާއިނުލާ އަޒިއެލްގެ ފަރާތުން ލިބެމުންދިޔަ ނަފުރަތުގެ ސަބަބުން އަނީޝާގެ ހިތުގައި ރިހެމުންދިޔައެވެ. މޫނުމަތިން އެކަން ނުދައްކާ އަނީޝާ ހިނުތުންވެލުމަށްފަހު ބޭރަށް ނިކުތެވެ. އަނީޝާ ދިޔުމުން ވަފިއްޔާ އަޒިއެލް އާއި ކައިވެނީގެ ވާހަކަދެއްކިއެވެ. ވަފިއްޔާ ދެއްކީ އަޒިއެލް މާ ހިތްހަމަ ޖެހޭ ވާހަކަ

ތަކެއް ނޫނެވެ. ނަމަވެސް މަންމަގެ ވިސްނުން ބަދަލު ނުވާނެކަން އަޒިއެލް އަށް އިނގެއެވެ. އެންމެ ފަހުން އަނީޝާ ރުހެންޏާ ކައިވެނިކުރަން ތައްޔާރުކަމަށް ބުނެ އަޒިއެލް ވާހަކަ ކުރުކޮށްލިއެވެ. ވަފިއްޔާ އަށް ލިބުނު އުފަލެއްގެ ވާހަކަ ބުނަންވެސް ނޭނގުނެވެ. އަނީޝާ އާއި ވާހަކަދެއްކުމަށްފަހު އަޒިއެލްގެ ބައްޕަ އަށް އެކަން އަންގަން ވަފިއްޔާ ނިންމިއެވެ.

ޖެހިގެން އައި ދުވަހު ވަފިއްޔާ އަނީޝާ އާއި ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަޒިއެލްއާއި ކައިވެނިކުރަން އަނީޝާގެ ހިތް އެއްބަހެއްނުވިއެވެ. ނަމަވެސް ވަފިއްޔާ ގެ ފަރާތުން ލިބެމުންދިޔަ އަޅާލުމާއި އޯގާތެރިކަން ފެނިފައި ވަފިއްޔާގެ އެއެދުމަށް ނޫނެކޭ ބުނާނެ ހިތްވަރެއް އަނީޝާގެ ނެތެވެ. އަޒިއެލް ރުހޭނަމަ އަނީޝާގެ އެއްވެސް ޝަކުވާއެއްނެތަ ކަމަށް ބުނުމަށްފަހު އަނީޝާ އިސްޖަހާލިއެވެ. އަޒިއެލް ދުވަހަކުވެސް އަނީޝާ އާއި އިންނަން ގަބޫލުނުވާނެ ކަން އަނީޝާ ގެ ހިތްބުނަމުން ދިޔައެވެ. ނަމަވެސް ހިތަށް އުދާސްކަމެއް ލިބުނީ އަޒިއެލްވެސް ކައިވެންޏަށް ގަބޫލުކަމަށް ވަފިއްޔާ ބުނިހިސާބުންނެވެ. އަނީޝާ ދެކެ އަޒިއެލް އެހާ ރުޅި އަންނައިރު ކައިވެންޏަށް އެއްބަސްވީ ކީއްވެބާއެވެ. އަޒިއެލްގެ ހިތުގައި އޮތީ ކޯޗެއްބާއެވެ. އަނީޝާގެ ފަރާތުން އަޒިއެލް ބޭނުންވަނީ ކޮންކަމެއްބާއެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކަކުން އަނީޝާގެ ހިތް ނުތަނަވަސް ކުރުވައިފިއެވެ. އަޒިއެލްގެ ވެސް ހާލަކީއެއީއެވެ.

އަނީޝާ އާއި އަޒިއެލްގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދިޔައެވެ. އަބަދުވެސް ހަމަހިމޭންކޮށް އޮންނަ އެގޭތެރެ ވަނީ ހަލަބޮލިވެފައެވެ. ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ނަމަވެސް އަޒިއެލް އާއި އަނީޝާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އަޒިއެލް ގޭގައި މަޑުކުރާ ވަގުތުވީ މަދެވެ. ގެއަށް ވަންނަ ފަހަރަކުވެސް ވަފިއްޔާގެ ޝަކުވާތައް އަޑުއަހަން ޖެހުމުން ރުންކުރު ޖަވާބު ދިނުމަށްފަހު އޭނާ ވާހަކަ ކުރުކޮށްލަނީއެވެ. މިފަހަކުން އަޒިއެލްގެ އުޅުން ހުންނަގޮތުން ވަފިއްޔާގެ ކަންބޮޑުވުންވެސް ވަނީ އިތުރުވެފައެވެ.

އަނީޝާއަށް ވެސް އަޒިއެލްގެ ބަދަލުވަމުން އަންނަ ރުންކުރު އުޅުން ވަރަށް ގާތުން ފެނެއެވެ. ކައިވެންޏަސް އައު ބަސް ބުނުމަށްފަހު އަޒިއެލް ގެ އުޅުން އެގޮތަށް ހުރުމުގެސަބަބުން އަނީޝާ އަށް އުނދަގޫތަކެއްވެސްވެއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންދިޔައެވެ. އަނީޝާއާއި އަޒިއެލްގެ ކައިވެނީގެ ދުވަސްވެސް ކައިރިވަމުންދިޔައެވެ. ގޭތެޜޭ އުޅުނު މިލީއާއި ވަފިއްޔާއަށް ސިހުމެއްލިބުނީ ގެއަށް ވަދެގެން އައި މެދުއުމުރު ފުރައިގެ ފިރެހެނެއް ލޮލުގައި އަޅައިގަތުމުންނެވެ. "ނަސީމްމްމް..." ވަފިއްޔާ ގޮވާލިއެވެ. ސިޑިން ފައިބައިގެން އައި އަނީޝާގެ ލޮލުގައި ނަސީމު އަޅައިގަތީ އެވަގުތެވެ. ކުރިޔަށް އެޅިފަޔަވަޅުމަތީ ގާވެފައި އަނީޝާ ހުރިއިރު ވަފިއްޔާގެ އުފަލުގެ ކޮޅެއްނެތެވެ. ގިނަ ދުވަސް ތަކަކަށްފަހު ލޯބިވާ ފިރިމީހާ ގެއަށް އެނބުރި އައުމުން ވާނީވެސް އެހެންނެއްނޫން ހެއްޔެވެ. ނަސީމު އެގެއަށް އައީ ކޮންބޭނަމަކުބާއޭ ހިތާހިތުން ކިޔާލަ ކިޔާލާހުރި އަނީޝާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ނަސީމަކީ ވަފިއްޔާގެ ފިރިމީހާކަން ނޭނގޭ ހާލި އަނީޝާ އަމިއްލަ ނަފުސު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ.

ވަފިއްޔާ ގޮވާލިއަޑަށް ހިތުގައިވާ ބިރުވެރިކަން ފޮރުވަމުން އަނީޝާ މަޑު މަޑުން ވަފިއްޔާއާއި ކައިރިއަށް ފިޔަވަޅުތައް އަޅަމުންދިޔައެވެ. ކަޅިޖަހާލަންވެސް ހަނދާންނެތިފައިވާ މީހެއްފަދައިން އަނީޝާއަށް ބަލަން ހުރި ނަސީމު ސިއްސައިގެން ދިޔައީ ވަފިއްޔާގެ އަޑަށެވެ. އަޒިއެލް ކައިވެނި ކުރަން އުޅެނީ އަނީޝާއާއި ކަމަށް ބުނެ ވަފިއްޔާ ނަސީމަށް އަނީޝާ ތަޢާރަފު ކޮށްދިނެވެ. ވަފިއްޔާގެ ވާހަކަތަކުން ނަސީމަކީ ކާކުކަން އަނީޝާއަށް އިނގޭކަށް މާގިނަ އިރު ތަކެއް ނުނެގިއެވެ.

ވަފިއްޔާ އާއި ނަސީމު ގޯތިތެރެއަށް ނިކުތުމުން އަނީޝާ ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ. ވެއްޓެމުން ކަހަލަ ގޮތަކަށް އޭނާއަށް ކޮޓަރިއާއި ހިސާބަށް ދެވުނުއިރު މާނޭވާލެވެއެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލާތަޅުލިއެވެ. ދެންފެނުނީ އަނީޝާގެ ގައިން ވަރުދޫވެގެން ބިންމައްޗަށް ތިރިވިތަނެވެ. އަނގަމަތީގައި އަތްއަޅާ ބާރުކޮށްލައިގެން އިން އަނީޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އެ އޮމާން ކޮލުގައި ބޮސްދެމުންދިޔައެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަނީޝާ ގެ މޫނުމަތިން މާޔޫސްކަން ފެންނަން ހުއްޓެވެ. އެރީތި ދެލޮލުން ދުވަހަކުވެސް އުފާވެރިކަމެއް ނުދެކޭފަދައެވެ.

އެމީހެއްގެ ފަރާތުން ސަލާމަތްކަން ހޯދަން ދިރިއުޅެމުންދިޔަ ރަށް ދޫކޮށް ދުވަހަކުވެސް ލޮލުން ދެކިފައިނުވާ ތަނަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު މީހާ މިއަދު އެހުރީ އަނީޝާގެ ކުރިމަތީގައެވެ. އެދުވަހު އަނީޝާއަށް އެދެއަތުން ހިމާޔަތް ލިބެންވީ ދުވަހު އަނީޝާގެ އިއްފަތްތެރިކަން ވެއްޔާމޮޑެލި ނުލަފާ މީހާއެހުރީ އެއްވެސް ލަދުވެތިކަމެއްނެތިއެވެ.ލޮލުގެ ކޮއެފަދައިން ބަލާބޮޑުކުރި ދަރިފުޅުގެ ދިފާއުގައި އިނގިލިވެސް ތަޅުވާނުލެވި އެމަންޒަރުތައް ބަލަން އޮންނަން އަނީޝާގެ މަންމަ އަށް އެދުވަހު މަޖުބޫރުވީ ބަލިހާލަތުގެ ސަބަބުންނެވެ. މަންމަގެ ހައްގުގައި އަނީޝާ އެއަނިޔާވެރިކަމަށް ކެތްކުރަމުންދިޔަ ދުވަސްތައް މިއަދާއި ޖެހެންދެން އެކުޑަކުޑަ ހިތުގައި ބިންވަޅުނެގިފައި އެބަހުއްޓެވެ. ނަސީމުގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ ލޯބިވާ މަންމަ މިދުނިޔެ ދޫކުރިތަންވެސް އެންމެ ގާތުން އަނީޝާއަށް ވަނީ ފެނިފައެވެ.

އާދުވަހަކަށް އިރުއެރީ އަނީޝާގެ ހަޔާތުގައި ދިއްލެމުން އައި ހުޅުކޮޅު ފަނޑުވަމުންނެވެ. ނަސީމުގެ ހިޔަނީގެ އަނދިރިކަން އަނެއްކާވެސް އަނީޝާގެ ދިރިއުޅުމަށް ވެރިވަމުންނެވެ.

އަބަދުވެސް ހިނިތުންވެލައިގެން ހުންނަ އަނީޝާގެ މޫނުމަތިވަނީ މިލާމޯޅިވެފައެވެ. ހެނދުނުގެ ސައި ބޯން މޭޒުކައިރީގައި އިން އަޒިއެލް އަށް މާޔޫސްވެފައިވާ އަނީޝާގެ މޫނު ފެނި ކަމެއްވެއްޖެކަން ސިކުނޑިއަށް ނަގައިގަނެވުނެވެ.

ނަސީމު ކާގެއަށް ވަދެގެން އައި ވަގުތާއި އަނީޝާ އެތަނުން ނިކުންނަން ދިޔަވަގުތާއި ދިމާވިއެވެ. ނޫންކަމަށް ހަދާލަމުން ނަސީމުގެ އެ މުޑުދާރު އަތުން އަނީޝާ ގެ އުނަގަނޑުގައި އަތް ހާކާލިއެވެ. ސިއްސައިގެން ގޮސް ތެޅިގައިން އަނީޝާގެ އެ ހަރަކާތްތައް މޭޒުކައިރީ އިން އަޒިއެލް އަށް ވަރަށް ރީތިކޮށްފެނުނެވެ. ނަމަވެސް އޭނާގެ ލޮލަށްވެސް ފޮރުވިފައިވީ ނަސީމުގެ މުޑުދާރު ހަރަކާތެވެ.

ކޮޓަރިއަށް ވަންނަން ދިޔަ އަނީޝާއަށް ފަހަތުން އަޒިއެލް ގޮވާލިއެވެ. އަނީޝާ އެގޭގައި އުޅޭތާ މިވީހާ ދުވަހުގެ ތެރޭގައި އަޒިއެލް އިސްވެ އަނީޝާއަށް ގޮވާލިމީ ފުރަތަމަ ފަހަރެވެ. ނަމަވެސް ލޮލުން ފައިބަމުންދިޔަ ކަރުނަތައް

އަޒިއެލް އަށް ފެނިއެކަމާއި ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭކަށް އަނީޝާ ބޭނުމެއްނުވިއެވެ. އެހެންކަމުން ފަސްއެނބުރި ބަލާލުމެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ކާމޭޒުކައިރީގައި އިން އަޒިއެލްގެ ލޯހޯދަމުން ދިޔައީ އަނީޝާއެވެ.

އަޒިއެލް އިނީ އަނީޝާގެ އުޅުން މިއަދު ހެނދުނު ހުރިގޮތުން އަނީޝާއާއި ވާހަކަ ދައްކަން ބޭނުންވެފައެވެ. މިފަހަކަށް އައިސް އަޒިއެލް އަށް އަނީޝާގެ ކަންކަމާއި ދޭތެރޭ މާބޮޑަށް ވިސްނެނީއެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. ނިދަން އޮވެއޮވެ ނުނިދިގެން އަޒިއެލް ބޭރަށްނިކުތެވެ. ސިޑިން ތިރިއަށް ފައިބަންދިޔަ އަޒިއެލްއަށް ކޮޓަރިތެރެއިން އަނީޝާގެ ރުޔުމުގެ އަޑުއިވުނެވެ. ސަލާމަތައްއެދި އަނީޝާ ހަޅޭލަވަމުންދިޔަ އަޑު އަޒިއެލްގެ ކަންފަތުގައި ގުގުމާލިއެވެ. އިތުރަށް ވިސްނާކަށް އޭނާ ނުހެދިއެވެ. ފަޔަށް ލެވުނު ބާރެއް ލާފައި ދޮރުގައި ޖެހިއެވެ.

ހުޅުވުނު ދޮރާއިއެކު އަޒިއެލްގެ ދެލޯވެސް ބޮޑުވިއެވެ. ވަނީވެސް އެހެންނޫން ހެއްޔެވެ. ކުރިމަތީގައި އުހުރީ އަޒިއެލް ލޯބިވާ ބައްޕައެވެ. ދެން އެހުރީ އޭނާގެ ކައިވެނި ކުރެވެން އުޅޭ އަންހެންކުއްޖާއެވެ. ނަސީމު ލައިގެން އުޅުނު ގަމީސް އެކޮޓަރިތެރޭގައި އެއްލާފައި އޮތް އިރު އަނީޝާ ލައިގެން ހުރި ޓީޝާޓު އިރައިގެންގޮސް އެ ހަށިގަނޑުން ބޮޑުބައެއްހުރީ ހާމައަށް ފެންނާށެވެ.

އަޒިއެލް އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އަނީޝާ ހަށިގަނޑުގައި އޮޅާލިއެވެ. އަޒިއެލް އަނީޝާގެ ހަށިގަނޑުގައި ބާރަށް ބައްދާލީ ދެން ދުވަހަކުވެސް އަނީޝާއަށް އެކަހަލަ ބިރުވެރިކަމަކާއި ކުރިމަތިލާން ނުޖެހޭނެއޭ ބުނާފަދައިންނެވެ. އަނީޝާގެ ހަށިގަނޑުގައި ހުރި މަޑު މަޑު ތުރު ތުރުލުން އަޒިއެލްއަށް ފާހަގަވުމުން ކުރިޔަށްވުރެން ބާރަށް އަނީޝާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ވަގުތުގެ ބޭނުން ހިފަމުން ނަސީމު ބެލީ އެތަނުން ނިކުމެވޭތޯއެވެ. ނަމަވެސް އަޒިއެލް މާ ހުޝިޔާރެވެ. ނަސީމު ކުރިޔަށް އެޅި ފިޔަވަޅާއިއެކު އޭނާގެ ބޮލުގެ އިސްތަސިގަނޑުގައި ހިފާ ފަހަތަށް ދަމައިގަނެގެން ވައްޓާލިއެވެ.

އިސްއުފުލާލާ އަޒިއެލް އަށްބަލާލި ނަސީމުގެ މޭގަނޑު ދިޔައީ ތެޅިގަނެގެންނެވެ. މީގެ ކުރިން ދުވަހަކުވެސް އަޒިއެލް އެހާ ރުޅި އައިސް ހުއްޓާ ނަސީމަށް ފެނިފައެއްނުވެއެވެ. "މީގެ ފަހުން މަގޭގެ އަނީ އާއި ދިމާލަށް އިސްއުފުލާލާ ބަލާލިޔަސް ހަނދާންނައްތާލާނަން ތީ ބައްޕަ ކަން..އަހަރެންގެ ބައްޕަގެ ފަރާތުން އަނީއަށް ދޭން ޖެހެނީ ލޯބި..އެކަމު ކަލޭ ތިދެނީ ކޯޗެއް...އަމިއްލަ ދަރިފުޅުގެ ވާން އުޅޭ އަންހެނުންގެ ގަޔަށް އަރަން ލަދެއްވެސް ނުގަނޭތަ..." ތުރު ތުރު ލަމުން އަޒިއެލް އަޑުގެ ކޮޅަށް ހަޅޭލަވަމުންދިޔައެވެ. ވަފިއްޔާ އަށް އަޑުއިވިގެން އެތަނަށް އަންނާކަށް އަނީޝާ ބޭނުމެއްނުވިއެވެ. އެހެންކަމުން އަޒިއެލް ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތްކުރިއެވެ. ވަރަށް މަސައްކަތުން އަޒިއެލް މައިތިރިވިއެވެ. މިއަދު އަނީޝާ އެދޭތެރެއަށް ނުވަދުންނަމަ ނަސީމުގެ ފުރާނަ ދިޔައީސްކަން ޔަގީނެވެ.

އާދުވަހަކަށް އިރުއެރިއެވެ. ސިޓިންރޫމު ސޯފާގައި ނިދިފައި އޮތް އަނީޝާގެ ނުހަނު ގާތުގައި އަޒިއެލްއިނެވެ. ރޭގެ ހަތަރުދަމަ އަނީޝާގެ ކައިރީ ހޭލާ ކޮޅަށް އިންއިރުވެސް އަޒިއެލްގެ މޫނުމަތިން ވަރުބަލިކަން ފެންނާކަށްނެތެވެ.އަނީޝާގެ ފަރާތުން ނަސީމަކީ އަނީޝާގެ ދޮންބައްޕަކަން އިނގުނު ހިސާބުން ނަސީމަށް އަޒިއެލްކުރި އިތުބާރު އެއްކޮން ދުނޑުފުނޑުވެގެންދިޔައެވެ. އަލަތު އަނބިމީހާ އަށް އޮޅުވާލަން ކެރުނު މީހަކު ކޮންމެފަދަ ކަމެއް ކުރަންވެސް ފަހަކަށް ނުޖެހޭނެއޭ އަޒިއެލްގެ ހިތްބުނަމުންދިޔައެވެ.

ކޮޓަރިން ނިކުމެގެން އައި ވަފިއްޔާއަށް ސޯފާގައި އިން އަޒިއެލް ފެނުނެވެ. ވަކިހިސާކަށް ދެވުނުތަނާ ވަފިއްޔާގެ ލޮލުގައި އަނީޝާވެސް އަޅައިގަތެވެ. އެކުދިން ތިބިހިސާބާއި ކައިރިވީވަރަކަށް އަނީޝާގެ އަނގަމަތިން ރަތްވެފައިހުރިތަންވެސް ވަފިއްޔާގެ ލޮލުގައި އަޅައިގަތެވެ. ދުވެފައިކަހަލަ ގޮތަކަށް ވަފިއްޔާ އަށް އަނީޝާގެ ކައިރިއަށް ދެވުނެވެ. ބިރުން ތެޅި ތެޅި އޮތް ހިތަކާއިއެކު އަޒިއެލް އާއި ވަފިއްޔާ ސުވާލުކުރަމުންދިޔައެވެ.

ވާހަކަދައްކަން ހުޅުވާލި އަޒިއެލްގެ އަނގަ ބަންދުވީ ގޭތެރެއަށް ވަދެގެން އަންނަ ނަސީމު ފެނިފައެވެ. އަޒިއެލްގެ މޫނުމައްޗަށް ހީވީ މީހަކު ކުނިކޮށްފައި އިން ބިހެއްޖެހިހެންނެވެ. އަނީޝާގެ ކޮޓަރިއަށް ރޭގެ ދަންވަރުގެ ވަގުތެއްގައި މީހަކު ވަނީ ކަމަށް ބުނި އިރު އަޒިއެލްގެ ނަޒަރު ހުއްޓިފައިވަނީ ނަސީމަށެވެ.

އަޒިއެލްގެ ވާހަކަތައް އަޑުއަހަންހުރި ވަފިއްޔާ އަށް ގޭތެރޭގައި އެވަރުގެ ކަމެއް ހިނގާ ދިޔައިރުވެސް އެކަމުގެ ރެޔަކާއިނުލުމުން ލިބުނީ ސިހުމެކެވެ.

ބަދަލުވަމުންދިޔަ އަޒިއެލްގެ އުޅުމާއިއެކު އަޒިއެލް އާއި އަނީޝާގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އަޒިއެލް އަނީޝާއަށްޓަކައި ހުސްކުރާ ވަގުތު ވީ އިތުރެވެ. އެއްމެ ހިނދުކޮޅަކަށްވެސް އަނީޝާ އޭނާގެ ލޯކުރިމަތިން ގެއްލޭކަށް އަޒިއެލް ނޭދެއެވެ.

ކައިވެނީގެ ކުރިން ނަސީމުގެ ހަގީގަތް ވަފިއްޔާއަށް ކިޔައިދޭން އަޒިއެލް ބޭނުންވިއެވެ. ނަމަވެސް އަނީޝާއަށް އޭނާގެ ލޯކުރިމަތީގައި މައެއްގެ ލޯބި ދިން ވަފިއްޔާގެ ދިރިއުޅުން ހަލާކުވެގެންދާތަން ބަލަން ނުހުރެވޭނެ ވާހަކަ އައީ ބުނަމުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަޒިއެލް އާއި އަނީޝާގެ ކައިވެނި ކުރެވިގެންދިޔައެވެ. ވަފިއްޔާގެ ދިގު އިންތިޒާރަށް ނިމުމެއް އައީއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހަޔާތަށް ރަނގަޅު ބައިވެރިއަކު އައީއެވެ.

ކައިވެނި ހެދުމުގައި ކޮޓަރީގެ ބެލްކަނީގައި ހުރި އަނީޝާގެ އަތްފައިވަނީ ފިނިވެފައެވެ. ހިނގަމުންދިޔަ ކޮންމެ މިނެޓަކާއިއެކު އަނީޝާގެ ހިތްވަނީ މޭގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ.

ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށްވަދެގެން އައި އަޒިއެލްއަށް ބެލްކަނީގައި ހުރި އަނީޝާ ފެނުނެވެ. މަޑު ހިނގުމެއްގައި އަނީޝާގެ ކައިރިއަށް ދިޔަ އަޒިއެލް އަނީޝާގެ އަތުގައި ހިފާ ކޮޓަރީގެ ތެރެއަށް ދަމާލިއެވެ.

ދެމީހުންނަށް އެކަކު އަނެކަކުގެ ހިތުގެ ތެޅުން އަޑުއިވޭނެހާ ކައިރީގައި ތިބިއިރު އަޒިއެލްގެ ލޯ ހުއްޓިފައިވަނީ އަނީޝާއަށެވެ. އެދެލޮލުން އަނީޝާއަށް އުތުރި އަރަމުންދިޔަ ޖަޒުބާތުތައް ފެންނަން ހުއްޓެވެ. ރަތްވަމުންދިޔަ އަނީޝާގެ މޫނު ފޮރުވަމުން އޭނާ އިސްޖަހާލީ އަޒިއެލްގެ އެބެލުމަށް ކެތްނުވެގެންނެވެ.

އަޒިއެލް އަނީޝާގެ ގައިގާ ނުހަނު ލޯބިން ބައްދާލިއެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭނެހާ ޖާގަނެތެވެ.

އަނީޝާގެ ހަޔާތުގައި މުޅިން އާ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަނދިރިވަމުން ދިޔަ އެދިރިއުޅުމަށް އުޖާލާކަމެއް ލިބިއްޖެއެވެ. މާޒީގެ ހިތި ހަނދާންތައް އެހިތުން މަޑު މަޑުން ފޮހެވެމުންދިޔައެވެ. އުފާވެރި މާދަމައެއްގެ ދޯދިތައް އެދިރިއުޅުންވަށާލިއެވެ.އަޒިއެލްގެ ފަރާތުން ލިބެމުންދިޔަ ފިރިއެއްގެ ލޯބީގެ އިތުރުން ވަފިއްޔާގެ ފަރާތުން ލިބެމުންދިޔަ މައިވަންތަކަމުގެ ލޯބިން އަނީޝާގެ ދިރިއުޅުން އާރާސްތުކުރުވައިފިއެވެ. ދެން ދުވަހަކުވެސް އެ ނާމާން ދުވަސްތައް ހަނދާންކޮށް ކަރުނަނޭޅުމަށް އަމިއްލަ ނަފުސަށް ވައުދުވަމުން އަނީޝާ އަޒިއެލްގެ މޭމަތީގައި ބޯއަޅާލިއެވެ.
- ނިމުނީ -