ޚަބަރު

ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަކީ އަމާޒެއް: ރާފިޢު


  • ފުޓްސަލް ކޮމްޕްލެކްސް އަޅަނީ ހުޅުމާލޭ ފޭސް 2 ގައި

  • ނެޓްބޯލް ކޮމްޕްލެކްސް އަޅަނީ ހުޅުމާލޭ ފޭސް އެކެއްގައި

  • ދެ ތަނުގެ މަސައްކަތް އިޢުލާންކުރުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން

  • އަމާޒަކީ މަސައްކަތް ފަށާތާ ލަސްވެގެން 2 އަހަރުތެރޭ ނިންމާލުން

ފުޓްސަލް ކޮމްޕްލެކްސްއާއި ނެޓްބޯލް ކޮމްޕްލެކްސް މަޝްރޫޢު އިޢުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި އަމާޒަކީ ވީހާވެސް އަވަހަކަށް މި ދެ މަޝްރޫޢު ކޮންޓްރެކްޓަރަކާ ޙަވާލުކޮށް، ޢަމަލީ މަސައްކަތް ފެށުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ހަފްތާ-14 މަގުޗާޓުގައި ހިމެނިގެން ކުރެވުނު މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް، ކުޅިވަރުގެ ވަޞީލަތްތައް އިތުރުކުރަމަކީ ސަރުކާރުގެ އަމާޒެކެވެ. ވަކިން ޚާއްސަކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒެކެވެ.

މި އަމާޒަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފުޓްސަލް އަދި ނެޓްބޯލް ދަނޑުތަކާއި އެކަމަށް ބޭނުންވާ އިތުރު ވަޞީލަތްތައް އެކުލެވޭގޮތަށް ފަރުމާކޮށްގެން މާލޭ ސަރަޙައްދުގައި "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯލް ކޮމްޕްލެކްސް" އެއް ޢިމާރާތްކުރުމަށް ބޭނުންވާ މަސައްކަތްތައް ފެށުމަށް ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވަނީ ހިމަނުއްވާފައެވެ.

މި ދެ ކޮމްޕްލެކްސްގެ މަސައްކަތާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ދެ ތަން ޢިމާރާތްކުރުމަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖެހި، އެޗް.ޑީ.ސީގެ ފަރާތުން އެ ބިން ހަވާލުކޮށްފައިވާކަމަށެވެ.

މީގެ ތެރެއިން ނެޓްބޯލް ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. އަދި ފުޓްބޯލް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގައެވެ. މިއިން ކޮންމެ ކޮމްޕްލެކްސްއަކީވެސް 5 ދަނޑު ހިމެނޭހެން ސްޕޯޓްސް އެރީނާއަކުން ލިބޭނެ ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރާ ތަނެކެވެ.

ވަޒީރު ވިދާޅުވީ، މި ދެތަނުގެ ކޮންސެޕްޓް ކުރެހުން ނިމި، މަޝްރޫޢުގެ ފައިނޭންޝަލް ޕްލޭންވެސް އެކުލަވާލާފައިވާކަމަށެވެ. އަދި މިހާރު އޮތީ ކޮންޓްރެކްޓަރެއް ހޯދުމަށް އިޢުލާންކުރާ ހިސާބަށް ތައްޔާރީތައްވެފައިކަމަށެވެ.

"މިއީ ގާތްގަނޑަކަށް އަޅުގަނޑު މިދައްކަނީ 53،000 އަކަފޫޓުގެ ސަރަހައްދެއްގެ ވާހަކަ. ފުދޭވަރަކަށް ބޮޑު އޭރިއާއެއް އެލޮކޭޓް ކުރެވިފައި މިވަނީ. އަޅުގަނޑުމެންނަށް ބިންވެސް އެޗްޑީސީއިން ޙަވާލުކޮށް، އަދި އެތަނުގައި ޢިމާރާތްކުރާނެ ފައިނޭންޝަލް ޕްލޭން ހެދި އެ ޕްލޭންވެސް އިކޮނޮމިކް ކައުންސިލުން ފާސްކޮށް، މިހާރު އަޅުގަނޑުމެންވާނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައި. އެ މިނިސްޓްރީން މަޝްރޫޢައިގެން ފެހި ސިގްނަލެއް ދިނީމަ ކުރިއަށްދާ ހިސާބުގައި އޮތީ." ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، މި ދެ ކޮމްޕްލެކްސްވެސް ތަރައްޤީވެގެންދާނީ މި ޒަމާނަށް ފެތޭނެހެން، އެތުލީޓުންނާއި ކުޅި ބަލަންދާ މީހުންނަށްވެސް ބޭނުންވާ ތަފާތު ވަޞީލަތްތަކާއި ޚިދުމަތްތައް ލިބޭނެހެންކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެކްސެސްވެވޭނެހެން ތަރައްޤީކުރެވޭނެ ތަނަކަށްކަމަށެވެ.

މިއީ އިންޓަރނޭޝަނަލް މުބާރާތްތައްވެސް ބޭއްވޭ ފެންވަރަށް ހަދަންޖެހޭ ތަންތަނަށްވާތީ، އެ ރިކުއަމަންޓްސްތައްވެސް މިތަންތަނުގައި ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޗޭންޖިންގ ރޫމާއި، ފާޚާނާއާއި، ރެފްރީސް ރޫމާއި، ޑޯޕިން ރޫމާއި، މެޑިކަލް ރޫމް މިކަހަލަ ވަޞީލަތްތައް ހިމެނިގެންދާނެ. އަދި މެނޭޖަރސް މީޓިން ބާއްވާ ހޯލާއި، މި ނޫންވެސް އެކިއެކި ފެސިލިޓީތައް އެ ޢިމާރާތުގެ ތެރެއިން ލިބެން ހުންނާނެ. މީޑިއާއަށްވެސް މީޑިއާ ރޫމާއި އެކަމާބެހޭ ވަޞީލަތްތައް ގެންގުޅޭނެ ތަންތަނާއި މި ހުރިހާ ކަމެއް އެކުލެވޭގޮތަށް އެތަން ބައްޓަންކުރެވިގެންދާނީ." ވަޒީރު ވިދާޅުވިއެވެ.

މި 2 ކޮމްޕްލެކްސްގެވެސް މަސައްކަތް ކޮންޓްރެކްޓަަރަކާ ޙަވާލުކޮށް ވީހާވެސް އަވަހަށް އަމަލީ މަސައްކަތް ފެށުމަކީ އަމާޒެއްކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ. އަދި އުއްމީދަކީ މަސައްކަތް ފަށާތާ އެންމެ ލަސްވެގެން 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ އޮޕަރޭޝަނަށް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ރީޖަނަލް ފެންވަރުގެ ބޮޑެތި މުބާރާތްތައް ވީހާވެސް ގިނައިން ރާއްޖޭގައި ބޭއްވުމަކީ އަމާޒެއްކަމަށެވެ. އެހެންކަމުން ކުޅިވަރު ވަޞީލަތްތަކަކީވެސް އެ ސްޓޭންޑަޑަށް ހެދިފައިހުރި ވަޞީލަތްތަކަކަށް ވާންޖެހޭކަމަށެވެ. އަދި މިގޮތަށް ތަރައްޤީކުރެވޭ ތަންތަނަކީ ކުޅިވަރު ކުޅުމުގެ އިތުރުން އެއިން މާލީ މަންފާވެސް ހޯދޭނެ ތަންތަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން އަލަށް ތަރައްޤީކުރާ މި 2 ކޮމްޕްލެކްސްގައިވެސް ކޮމާޝަލް ބޭނުންތަކަށް ޖާގަ ޚާއްސަކުރެވި، އެއިން ޖަނަރޭޓްކުރާ ފައިސާ އެތަންތަނުގެ މެއިންޓެނަންސްއަށް ޚަރަދުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.